މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް އިޖްތިމާޢީ ކޮމިޓީގެ ސަބް-ކޮމިޓީން ފައްޓަވައިފި

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގެ ސަބް-ކޮމިޓީ 1 މިއަދު 11:20 ން 11:30 އަށް ބޭއްވި އެ ކޮމިޓީގެ އެއްވަނަ ބައްދަލުވުމުގައި ‘މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ބިލު’ ދިރާސާކުރެއްވުމުގެ މަސައްކަތް ފެއްޓަވައިފިއެވެ.

އެގޮތުން މިއަދު އެ ބިލު ފެށިގެން 2 ވަނަ މާއްދާގެ ނިޔަލަށް ވަނީ ބައްލަވާފައެވެ. އަދި އެއަށްފަހު މި ބިލު ބެއްލެވުމުގައި ކައުސެލް ޖެނެރަލްގެ ލަފާ ހޯއްދެވުމަށް ފޮނުއްވުމަށް ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު، ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާޙިމް މުއްޠަލިބު އަދި ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލް ޣަފޫރުއެވެ. ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު މި ބައްދަލުވުމަށް ހާޒިރުވެފައެއް ނުވެއެވެ.