ޝަރުތު ފުރިހަމަވާ މައްސަލައެއްގައި މަޖިލީހުގައި ބަހުސްކުރުމަށް ހުރަސްއަޅާ ފަރާތަކީ ރިޔާސަތުކަމަށް ވެގެން ނުވާނެކަމަށް ވިދާޅުވެ، ކުއްލި މައްސަލައަށް ބަހުސްކުރެއްވުމަށް ފެންނަކަމަށް ރިޔާސަތުން ވޯޓުދެއްވައިފި

އަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި، ޝަރުތު ފުރިހަމަވާ މައްސަލައެއްގައި މަޖިލީހުގައި ބަހުސްކުރުމަށް ހުރަސްއަޅާ ފަރާތަކީ ރިޔާސަތުކަމަށް ވެގެން ނުވާނެކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 145 ވަނަ މާއްދާއާއި 149 ވަނަ މާއްދާގެ ދަށުން ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަށް ބަހުސްކުރެއްވުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވޯޓުދެއްވައިފިއެވެ.

މިއަދު ހުށަހެޅުނު ކުއްލި މައްސަލައަށް ބަހުސްކުރުމާމެދު ނެންގެވި ވޯޓުގައި ރިޔާސަތުން ވޯޓުދެއްވީ ނެގުނު ވޯޓުގައި ފެނިވަޑައިގަންނަވާކަމަށް 21 މެންބަރުން ވޯޓުދެއްވާ ނުފެންނަކަމަށްވެސް 21މެންބަރުން ވޯޓުދެއްވުމުން ވޯޓުގެ ނަތީޖާ ހަމަހަމަވުމުން، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ނ) ގެ ދަށުން އަދި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 166 ވަނަ މާއްދާގެ (ހ)ގެ ދަށުން ރިޔާސަތަށް ވޯޓުދެއްވުމުގެ ބާރުލިބިދީފައިވާތީއެވެ. މިއަދުގެ ވޯޓުގައި ވަކިފަރާތަކަށް ނުޖެހި 1 މެންބަރަކު ވޯޓުދެއްވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލައަށް، ބަހުސްކުރެއްވުމަށް ފުރުޞަތަށް އެދިވަޑައިގެންފައިވާ ހުރިހާ މެންބަރުން ވާހަކަ ދައްކަވައި ނިމެންދެން ބަހުސް ކުރިއަށް ގެންދަވަން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ ހުށަހެޅުއްވާ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ތާއީދުކުރެއްވި ހުށަހެޅުން މަޖިލީހުން ވަނީ ފާސްނުވެފައެވެ. މިގޮތަށް ފާސްކުރުމަށް ފެނިވަޑައިގަންނަވާކަމަށް 26 މެންބަރުން ނުފެންނަކަމަށް 32 މެންބަރުން ވޯޓުދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ފަތުރުވެރިކަމުގެ ވިޔަފާރީގެ ފައިދާ އާއްމު ރައްޔިތުންނަށް ސީދާ ގޮތުގައި ފޯރުކޮށްދިނުމަށް އެދި 16 ވަނަ ރައްޔިތުންގެ މަޖިލީހުން 7 ޖުލައި 2008 ގައި ފާސްކުރައްވާފައިވާ ޤަރާރުގައިވާ ގޮތާ ޚިލާފަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ ކައުންސިލްތަކަށް ގެސްޓް ހައުސްތަކަށާއި ސިޓީ ހޮޓާތައް ފަދަ ވިޔަފާރީގެ މުޢާމަލާތްތައް ނުކުރެވޭނެ ކަމަށް އަންގަވާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ނިންމުމަކަށް ފުށުއަރާގޮތަށް ސަރުކާރުން ކަންކަން ކުރަމުންދާތީކަމަށް ވިދާޅުވެފައިވެއެވެ.

6 ޝަޢުބާން 1433

26 ޖޫން 2012