ޤާނޫނީއަދަދު ހަމަނުވުމުގެ ސަބަބުން ރިޔާސަތުން މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާ، 2  ފަހަރެއްގެ މަތިން ޖަލްސާ ފަސްކުރައްވާފައިވާކަމަށާއި، 5 ފަހަރެއްގެ މަތިން ޤާނޫނީއަދަދު ގެއްލުނުކަމަށް ވިދާޅުވެ، ޖަލްސާކުރިއަށް ގެންދިއުމަށް ބޭނުންވާ ޤާނޫނީއަދަދު ހަމަނުވުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދުގެ ޖަލްސާ ނިންމަވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 37 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، ކޯރަމް ރަނގަބީލު ޖަހައި، 5 މިނެޓުވާއިރުވެސް، މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިޔުމަށް ބޭނުންވާ ޢަދަދަށް މެންބަރުން ހަމަނުވާނަމަ، އެޖަލްސާ އެހެން ވަގުތަކަށް މަޖިލީހުގެ ރައީސަށް ފަސްކުރެވިދާނެއެވެ. އަދި ހަމަ މިމާއްދާގެ (ނ) ގައިވާ ގޮތުން ޤާނޫނީ ޢަދަދަށްވުރެ މަދު އަދަދެކަމަށްވާނަމަ، މެންބަރުންނަށް 30 މިނެޓަށްވުރެ ދިގުނޫން މިންވަރަށް ހުސްވަގުތުކޮޅެއްދީ، ޤާނޫނީ ޢަދަދު ހަމަވޭތޯ މަޖިލީހުގެ ރައީސަށް ބެލިދާނެއެވެ. ނުވަތަ އެޖަލްސާ ނުބާއްވާގޮތަށްވެސް މަޖިލީހުގެ ރައީސަށް ނިންމިދާނެއެވެ.

މިއަދު 13:07 ގައި ރިޔާސަތުން ޖަލްސާ ނިންމަވާލެއްވިއިރު 12 މެންބަރުން ޙާޒިރުވެވަޑައިގެންތިއްބެވިއެވެ.

 

5 ޝަޢުބާން 1433

25 ޖޫން 2012