އާންމު ކޮމިޓީގެ މިއަހަރުގެ 9 ވަނަ ބައްދަލުވުން ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ މިއަހަރުގެ 9 ވަނަ ބައްދަލުވުން މިއަދު ބާއްވަވައިފިއެވެ. މި ބައްދަލުވުމުގައި ކޮމިޓީގެ 7 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 50 ވަނަ މާއްދާގެ (ރ) އަށް ހުށަހަޅާފައިވާ އިޞްލާޙު ދިރާސާކުރެއްވުމަށްފަހު، އާންމު ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓްއަށް ކައުސެލް ޖެނެރަލް ހުށަހަޅުއްވާފައިވާ އިސްލާޙުތައް ބައްލަވާ، ފާސްކުރައްވާފައިވެއެވެ.

މި މައްސަލަ ބެއްލެވުމަށްފަހު، މަޖިލިސް ޖަލްސާގައި ބައިވެރިވުމަށް ކޮމިޓީގެ މުޤައްރިރު ވަޑައިގަތުމުން، ނައިބު މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ރިޔާސަތާއި ހަވާލުވެވަޑައިގަތެވެ.  އަދި 16 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރެއްވި 8 މެންބަރުން ވަކިކޮށްފައިވާތީ އެމެންބަރުންނަށް ލިބެންޖެހޭ މުސާރައާއި އިނާޔަތް ދިނުމަށް ސުޕްރީމް ކޯޓުން ނިންމަވާފައިވާތީ، މިފައިސާއަކީ މަޖިލީހުގެ އިދާރާގެ މިއަހަރުގެ ބަޖެޓްގައި ހިމަނާފައިނުވާ ފައިސާކަމުން މި ފައިސާ ހޯދުމުގައި އަމަލު ކުރާނެ ގޮތުގެ ލަފާފުޅަކަށް އެދި ފޮނުއްވާފައިވާ މައްސަލަ ބެއްލެވުމުގެ މަސައްކަތް ކުރިއަށްގެންދަވާފައިވެއެވެ.

އެއަށްފަހު އެހެނިހެން ކަންތަކުގެ ތެރޭ، ޖުޑީޝަލް ސާރވިސް ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގެ މައްސަލައާއި، ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަންގެ މުސާރައިގެ އޮނިގަނޑުގެ މައްސަލައާއި މެދު މެންބަރުންގެ މެދުގައި ހިޔާލު ބަދަލުކުރައްވާފައިވެއެވެ.

ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙައްމަދު ސާލިހް، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ގަސަމް، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، އަދި ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރުއެވެ.