މާާރާމާރީއާއި މަސްތުވާ ތަކެތީގެ މައްސަލަތަކާއި، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކުރަމުންގެންދާ އަނިޔާތަށް ހުއްޓުވުމަށާއި، ފުލުހުންގެ މުއައްސަސާއިން ރާއްޖޭގެ އަމަންއަމާންކަމަށް އިސްކަންދިނުމަށް ގޮވާލައި ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަން ފަށްޓަވައިފި

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި، މާރާމާރީއާއި މަސްތުވާ ތަކެތީގެ މައްސަލަތަކާއި، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކުރަމުންގެންދާ އަނިޔާތަށް ހުއްޓުވުމަށާއި، ފުލުހުންގެ މުއައްސަސާއިން ރާއްޖޭގެ އަމަންއަމާންކަމަށް އިސްކަންދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 145 ވަނަ މާއްދާއާއި 149 ވަނަ މާއްދާގެ ދަށުން ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަން ފަށްޓަވައިފިއެވެ.

މި ޖަލްސާގައި، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ހުށަހެޅުއްވި މިކުއްލި މައްސަލައަށް ބަހުސްކުރުމާމެދު ނެންގެވި ވޯޓުގައި ފެނިވަޑައިގަންނަވާކަމަށް 27  މެންބަރުން ވޯޓުދެއްވާފައިވާއިރު ނުފެންނަކަމަށް 9 މެންބަރުން ވޯޓުދެއްވާފައިވެއެވެ. އަދި ވަކިފަރާތަކަށް ނުޖެހި 1 މެންބަރަކު ވޯޓުދެއްވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލައަށް، ބަހުސްކުރެއްވުމަށް ފުރުޞަތަށް އެދިވަޑައިގެންފައިވާ ހުރިހާ މެންބަރުން ވާހަކަ ދައްކަވައި ނިމެންދެން ބަހުސް ކުރިއަށް ގެންދަވަން މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ހުށަހެޅުއްވި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ތާއީދުކުރެއްވި ހުށަހެޅުން މަޖިލީހުން ފާސްކުރައްވާފައިވެއެވެ. މިގޮތަށް ފާސްކުރުމަށް ފެންނަކަމަށް 26 މެންބަރުން އަދި ނުފެންނަކަމަށް 26 މެންބަރުން ވޯޓުދެއްވާފައިވެއެވެ. އަދި ވޯޓުގެ ނަތީޖާ ހަމަހަމަ ވުމުން އެވަގުތު ރިޔާސަތު ބެލެހެއްޓެވި ވެލިދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ މުޙަންމަދު ފެނިވަޑައިގަންނަވާކަމަށް ވޯޓުދެއްވާފައިވެއެވެ. އަދި ވަކިފަރާތަކަށް ނުޖެހި 1 މެންބަރަކު ވޯޓުދެއްވާފައިވެއެވެ.

 

 

5 ޝަޢުބާން 1433

25 ޖޫން 2012