މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމުގައި ބަލާ ޕާރފޯމަންސް އެޕްރައިޒަލް ފޯރމްގެ ޑްރާފްޓް އާއި ޕާލިމަންޓްރީ ސަރވިސްގެ މުވައްޒަފުންނަށް ސްކޮލަރޝިޕް ދިނުމާބެހޭ ގަވާއިދު ދިރާސާކުރެއްވުމަށް އާންމު ކޮމިޓީގެ ސަބްކޮމިޓީއެއް ހޮއްވަވައިފި

މިއަދު ހެނދުނު 9:34 ން 9:54 ށް ބޭއްވުނު އާންމު ކޮމިޓީގެ 8 ވަނަ ބައްދަލުވުމުގައި،  މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމުގައި ބަލާ ޕާރފޯމަންސް އެޕްރައިޒަލް ފޯރމްގެ ޑްރާފްޓް އާއި ޕާލިމަންޓްރީ ސަރވިސްގެ މުވައްޒަފުންނަށް ސްކޮލަރޝިޕް ދިނުމާބެހޭ ގަވާއިދު އިތުރަށް ބައްލަވައި ދިރާސާކުރެއްވުމަށް އާންމު ކޮމިޓީގެ ސަބްކޮމިޓީއެއް ހޮއްވަވައިފިއެވެ. މިކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާއި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދެވެ.

އަދި މިއަދުގެ ބައްދަލުވުމުގައި، މިނިވަން މުއައްސަސާތަކުގެ ކަންތަކާބެހޭ ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ޖަދުވަޅު 2 އަށް ހުށަހަޅުއްވާފައިވާ އިސްލާޙު ދިރާސާކުރެއްވުމަށްފަހު، އާންމު ކޮމިޓީން އެކުލަވާލެއްވި ރިޕޯޓްގައާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 50 ވަނަ މާއްދާގެ (ރ) އަށް ހުށަހަޅުއްވާފައިވާ އިސްލާޙު ދިރާސާކުރެއްވުމަށްފަހު، އެކުލަވާލެއްވި ރިޕޯޓްގައި މައްސަލަތަކެއް ހުރުމާއެކު މިއަދުގެ ބައްދަލުވުމުގައި ދެ ރިޕޯޓާއި މެދު މަޝްވަރާކުރެއްވުމަށް ފާސްކުރައްވާފައިވެއެވެ.

މީގެއިތުރުން މިއަދު ބޭއްވުނު އާންމު ކޮމިޓީގެ ބައްދަލުވުން ނިންމަވާލައްވައި، އާންމު ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުން ބާއްވާފައިވެއެވެ. މިބައްދަލުވުމުގައި ސަބް ކޮމިޓީގެ މުޤައްރިރުކަމަށް މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އަދި ނައިބު މުޤައްރިރުކަމަށް ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރުގެ ނަންފުޅު ފާސްކުރައްވާފައިވެއެވެ.  މިބައްދަލުވުމުގައި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމުގައި ބަލާ ޕާރފޯމަންސް އެޕްރައިޒަލް ފޯރމްގެ ޑްރާފްޓް އާއި ޕާލިމަންޓްރީ ސަރވިސްގެ މުވައްޒަފުންނަށް ސްކޮލަރޝިޕް ދިނުމާބެހޭ ގަވާއިދު އޮންނަގޮތް ބެއްލެވުމަށް މިނިވަން މުއައްސަސާތަކަށާއި، ސަރުކާރުގެ އިދާރާތަކަށް މިކަމާބެހޭ މަޢުލޫމާތު ހޯއްދަވައި ސަބްކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް ނިންމެވިއެވެ.

މިއަދު ބޭއްވުނު އާންމު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، މެދު ހެންވޭރު ދާއިރާގެ ޢަލީ ޢާޒިމް، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު، ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު އަދި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދުއެވެ. ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް ކޮމިޓީއަށް ވަޑައެއްނުގަންނަވައެވެ.

ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞާލިޙު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ދަތުރުފުޅެއްގައެވެ.

30 ރަޖަބު 1433

20 ޖޫން 2012