ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ ތިންވަނަ ބައްދަލުވުން ބާއްވައިފި

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ ތިންވަނަ ބައްދަލުވުން  މިރޭ 20:45 ން 21:19 ށް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި، ބިލުގެ މާއްދާއަކުން މާއްދާއަކުން ބަލައި ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވެއެވެ. އަދި ބިލުގެ ނަމަށްވެސް ބަދަލުގެނައުމާމެދު މަޝްވަރާކުރައްވާފައިވެއެވެ.

މީގެއިތުރުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީގެ ދަށުން ހިންގާ ޕަބްލިކް އެންޓަރޕްރައިޒް މޮނިޓަރިންގ އެންޑް އިވަލުއޭޝަން ބޯޑުގެ ބޭފުޅުންނާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާއި އަދި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ބޭފުޅުންނާއި ކޮމިޓީން ބައްދަލުކޮށް އެބޭފުޅުންގެ މަޝްވަރާ ހޯއްދަވައި ނިމުމަށްފަހު، ބިލުގެ މަސައްކަތް ކުރެއްވުމަށް ނިންމަވާފައިވެއެވެ.

މިއަދު ބޭއްވުނު މިކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް އަދި މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލްއެވެ. ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު ކޮމިޓީއަށް ވަޑައެއްނުގަންނަވައެވެ.

މިކޮމިޓީގެ ބައްދަލުވުން ކުރިއަށްގެންދެވިއިރު އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އިންނެވީ މާލިއްޔަތު ކޮމިޓީގައެވެ.

 

29 ރަޖަބު 1433

19 ޖޫން 2012