ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާއާއި 149 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާއާއި 149 ވަނަ މާއްދާގެ ދަށުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މި ކުއްލި މައްސަލައަށް ބަހުސް ކުރަން ފެނިވަޑައިގަންނަވާކަމަށް 23 މެންބަރުން ވޯޓް ދެއްވާފައިވާއިރު 22 މެންބަރުން ބަހުސް ކުރަން ފެނިވަޑައި ނުގަންނަވާކަމަށް ވޯޓް ދެއްވާފައިވެއެވެ. އަދި 1 މެންބަރަކު ވަކި ފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިމައްސަލައަކީ ސިފައިންނާއި ފުލުހުންގެ ފަރާތުން ފެންނަ ޤާނޫނާއި ޤަވާއިދާއި ޚިލާފު ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާއާއި 149 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައެކެވެ.

މިއަދުގެ މެންދުރު ކުރީގެ ދަންފަޅީގައި މި ކުއްލި މައްސަލައަށް 1 ގަޑިއިރުގެ ބަހުސް ކުރިއަށް ގެންދެވުމުން، ހުރިހާ މެންބަރުން ވާހަކަ ދައްކަވައި ނިމެންދެން ބަހުސް ކުރިއަށް ގެންދަވަން ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ ހުށަހަޅުއްވައި ބާރަށު ދާއިރާގެ މެންބަރު ޝިފާޒް ތާއީދުކުރެއްވި ހުށަހެޅުން މަޖިލީހުން ފާސްކުރައްވާފައިވެއެވެ.

މިހުށަހެޅުން ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 38 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 9 މެންބަރުން ވޯޓް ދެއްވާފައިވާއިރު 2 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިއަދުގެ މެންދުރު ކުރީގެ ދަންފަޅީގެ ހުސްވަގުތުކޮޅާއި ހަމައަށް 16 މެންބަރުން މިމައްސަލައިގައި ވާހަކަފުޅުދައްކަވާފައިވެއެވެ.

29 ރަޖަބު 1433

19 ޖޫން 2012