ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންގެ މުސާރަ ކަނޑައަޅުއްވައިފި

މިއަދު ހެނދުނު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 24 ވަނަ ބައްދަލުވުމުގައި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅުއްވައިފިއެވެ.

މިގޮތުން، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް ތާއީދުކުރައްވާފައިވާގޮތަށް، ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސްއަށް 12000 ރުފިޔާ، ކޮމިޝަންގެ ނައިބު ރައީސްއަށް 11000 ރުފިޔާ އަދި ކޮމިޝަންގެ މެންބަރުންނަށް 10000ރުފިޔާ ކަނޑައެޅުއްވިއެވެ.

އެއަށްފަހު، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި މެދު މަޝްވަރާ ކުރެއްވުމަށްފަހު އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގަރިކަލްޗަރ އާއި ޕާމަނަންޓް ސެކްރެޓަރީ އާއި މިރޭ 8:30 ގައި ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

މިއަދު ބޭއްވުނު މިކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމްއެވެ. މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް ކޮމިޓީއަށް ވަޑައެއްނުގަންނަވައެވެ.

 

29 ރަޖަބު 1433

19 ޖޫން 2012