ޖަލްސާގެ ނިޒާމް ގެއްލުވާލެއްވުމުން ދެ މެންބަރެއްގެ ނަން އިއްވަވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަތްވަނަ ޖަލްސާގެ ނިޒާމް ގެއްލުވާލެއްވުމުގެ ސަބަބުން ދެ މެންބަރެއްގެ ނަން އިއްވަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާގެ (ރ)ގެ ދަށުން ނަން އިއްވެވި ދެ މެންބަރުންނަކީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު އާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދުގެ ނަން އިއްވަވާފައިވަނީ 11:07 ގައެވެ. އަދި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދުގެ ނަން އިއްވަވާފައިވަނީ 11:31 ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރަނީ މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، އިންޒާރުކުރުމުންވެސް، އެ މެންބަރަކު ކިޔަމަންނުވެއްޖެނަމަ، މަޖިލީސް ދޫކޮށްފައި ދިޔުމަށް އެ މެންބަރަކަށް އެންގެވުމުގެ އިޚްތިޔާރު މަޖިލީހުގެ ރައީސަށް ލިބިވަޑައިގެންވެއެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ނާއިބު އަޙްމަދު ނާޒިމެވެ.

28 ރަޖަބު 1433

18 ޖޫން 2012