މާލިއްޔަތު ކޮމިޓީގެ 23 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

މާލިއްޔަތު ކޮމިޓީގެ 23 ވަނަ ބައްދަލުވުން މިއަދު 9:40 ން 10:30 ށް ބާއްވައިފިއެވެ.

މިބައްދަލުވުމުގައި އިދާރީ މައްސަލައެއްވާނަމާ، އެމައްސަލައަކާއި މެދު މަޝްވަރާކުރެއްވުން ކުރިއަށްގެންގޮސްފައިވެއެވެ. މިގޮތުން ފާއިތުވި މާޗް މަހު މާލިއްޔަތު ކޮމިޓީ ފިޔަވައި އެހެން ކޮމިޓީއެއް ބޭއްވިފައިނުވާތީ އެ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަށް ކޮމިޓީ އެލަވަންސް ލިބިދިނުމަށް ކޮމިޓީން ނިންމަވާފައިވާތީ، އެނިންމުން ބާތިލްކުރުމާއިމެދު މަޝްވަރާކުރެވުނެވެ. އަދި މުސާރައިގެ އޮނިގަޑުގައި ކޮމިޓީ އެލަވަންސް މުރާޖަޢާކުރުމާއިމެދު މަޝްވަރާކުރެވުނެވެ.

މިއަދުގެ މިކޮމިޓީގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި މެދު މަޝްވަރާކުރެއްވުމަށްފަހު، މިރިޕޯޓާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް އިލެކްޝަން ކޮމިޝަނަރ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

މީގެއިތުރުން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި މެދު މަޝްވަރާ ކުރެވުނެވެ.

މިއަދު ބޭއްވުނު މިކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމްއެވެ. މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް ކޮމިޓީއަށް ވަޑައެއްނުގަންނަވައެވެ.

 

28 ރަޖަބު 1433

18 ޖޫން 2012