ފޭދޫ ދާއިރާގެ މެންބަރު އަލްޙާން ފަޙުމީ ޕާޓީ ބަދަލުކުރެއްވިކަން މިއަދުގެ ޖަލްސާގައި ޢިއުލާނުކުރައްވައިފި

މިއަދު  ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަތްވަނަ ޖަލްސާ ގައި ފޭދޫ ދާއިރާގެ މެންބަރު އަލްޙާން ފަޙުމީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ 1 ގެ (ނ)ގެ ދަށުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއިން ޖުމްހޫރީ ޕާޓީ އަށް ބަދަލުވާން ހުށަހަޅުއްވާފައިވާތީ އެކަން މަޖިލީހުގެ ރިޔާސަތުން އިއުލާނުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ 1 ގެ (ނ) ގައި ބަޔާންކުރަނީ މަޖިލީހުގައި ހިމެނޭ ޕާޓީއަކަށް ނިސްބަތްވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވާން ބޭނުންވެއްޖެނަމަ، އެ މެންބަރަކު ހުރި ޕާޓީއިން ވަކިވިކަމުގެ ލިޔުމެއް އެ މެންބަރަކު މަޖިލީހުގެ ރައީސަށް ފޮނުވަން ވާނެއެވެ. އަދި އެ މެންބަރަކު ބަދަލުވި ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އެ މެންބަރަކު އެ ޕާޓީއާ ގުޅިއްޖެކަން އަންގައި އެކަން ލިޔުމަކުން މަޖިލީހުގެ ރައީސަށް އަންގަންވާނެއެވެ. އަދި އެ މެންބަރަކު ހުރި ޕާޓީއިން ވަކިވެ އެހެން ޕާޓީއެއްގެ މެންބަރަކަށް ވީކަން ކަށަވަރު ކޮށްދޭ އިލެކްޝަންސް ކޮމިޝަންގެ ލިޔުމެއް އެ މެންބަރަކު މަޖިލީހުގެ ރައީސަށް ހުށަހަޅަންވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ 1 ގެ (ބ) ގައި ބަޔާންކުރަނީ މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތީން މެންބަރަކު ޕާޓީއަކުން ވަކިވާ ޙާލަތްތަކުގައާއި، ޕާޓީތަކުން ވަކިވެ އެހެން ޕާޓީއަކާއި ގުޅޭ ޙާލަތްތަކުގައި އެ މާއްދާތަކުގައި ބުނެފައިވާ ލިޔުންތައް މަޖިލީހުގެ ރައީސަށް ލިބުމުން އެ މެންބަރަކު ޕާޓީއަކުން ވަކިވެއްޖެކަން ނުވަތަ ޕާޓީއަކާ ގުޅިއްޖެކަން މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް ޢިއުލާން ކުރަންވާނެއެވެ.

މިބަދަލާއިގުޅިގެން މަޖިލީހުގައި މިހާރު ތިއްބަވަނީ އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ 30 މެންބަރުން، ޕީޕީއެމް އަށް ނިސްބަތްވެވަޑައިގަންނަވާ 18 މެންބަރުން، ޑީއާރުޕީ އަށް ނިސްބަތްވެވަޑައިގަންނަވާ 15 މެންބަރުން، ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ 4 މެންބަރުން، ޕީއޭ އަށް ނިސްބަތްވެވަޑައިގަންނަވާ 2 މެންބަރުން، ގައުމީ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ 1 މެންބަރަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ 7 މެންބަރުންނެވެ.

28 ރަޖަބު 1433

18 ޖޫން 2012