ޤަޢުމީ ތަރައްޤީގެ ކޮމިޓީގެ މިއަހަރުގެ 5 ވަނަ ބައްދަލުވުން ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީގެ ކޮމިޓީގެ 5 ވަނަ ބައްދަލުވުން 7 މެންބަރުންގެ ހާޒިރުގައި މިއަދު ބާއްވާފައިވަނީ 11:22 އިން ފެށިގެން 12:15 އަށެވެ.

މި ބައްދަލުވުމުގައި އަމިއްލަ ފަރާތަކުން ފޮނުއްވާފައިވާ ސިޓީގެ ޖަވާބާއި މެދު މަޝްވަރާކުރައްވާ،  ކީރިތި ޤުރުއާން މަޖުބޫރު މާއްދާއެއް ގޮތުގައި ހަމަޖެއްސުމަށް އެދިވަޑައިގެން އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އަދި މިހުށަހެޅުމާއިމެދު މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޚިޔާލެއް ހޯދުމަށް ސިޓީއެއް ފޮނުއްވުމަށް ކޮމިޓީން ނިންމެވިއެވެ.

މީގެ އިތުރުން، ދިވެހި އަދި އިސްލާމް މާއްދާތައް މަޖްބޫރު މާއްދާތަކެއްގެ ގޮތުގައި ޤައުމީ މަންޙަޖްގައި ހިމެނުމަށް މާވަށު ދާއިރާގެ މެންބަރު އަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ މައްސަލަ ބެއްލެވުމަށްފަހު، މި ކަމުގައިވެސް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޚިޔާލު ހޯދުމަށް ސިޓީއެއް ފޮނުއްވުމަށް ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމަށް މިއަދު ހާޒިރުވެވަޑައިގެންފައިވަނީ، މުޤައްރިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު، ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަޙީދު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ވިލިމާފަންނު ދާއިރާގެ މެންބަދު އަޙްމަދު ނިހާން ޙުސައިން މަނިކު، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން އަބްދުﷲ ޙަމީދު އަދި ކެލާ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ މައުސޫމްއެވެ.