މަޖިލީހުގެ ކޯރަމް ގެއްލުމުގެ މައްސަލަ އާއްމު ކޮމިޓީގައި ދިރާސާކުރައްވަންފައްޓަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާންމު ކޮމިޓީއަށް ފޮނުއްވާފައިވާ މަޖިލީހުގެ ޤާނޫނީ އަދަދު ހަމަނުވެ ތަކުރާރުކޮށް މަޖިލިސް ޖަލްސާތައް ނިންމަވާލައްވަން މެދުވެރިވުމުގެ މައްސަލަ މިއަދުގެ އާއްމު ކޮމިޓީގައި ދިރާސާކުރައްވަންފައްޓަވައިފިއެވެ.

މިއަދު ހެނދުން 9.30 ން 10.30އަށް ކުރިއަށް ގެންދެވުނު ބައްދަލުވުމުގައި މި ކަމާއި މެދު ވަކި ގޮތެއް ނިންމެވުމުގެ ކުރިން މަޖިލީހުގެ ކައުންސިލް ޖެނެރަލްގެ ލަފާފުޅެއް ހޯއްދެވުމަށް ކޮމިޓީގެ މެންބަރުން ނިންމެވިއެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުން ހުށަހަޅާފައިވާ މައްސަލައެއް ބެއްލުވުމުގެ މަސައްކަތް ކުރައްވާފައިވެއެވެ.

މި ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ، ކޮމިޓީގެ މުޤައްރިރު ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު، ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުޙްސިން ޙަމީދު، މާވަށު ދާއިރާގެ މެންބަރު އަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، އަދި ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރުއެވެ.

މިއަދު ބޭއްވުނީ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ މިއަހަރުގެ 6 ވަނަ ބައްދަލުވުމެވެ.