މޯލްޑިވްސް މީޑިއާ ކައުންސިލުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް މާލިއްޔަތު ކޮމިޓީއިން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓަށް ބަހުސް ކުރެއްވުން ކުރިއަށް ގެންދަވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަވަނަ ޖަލްސާގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް މާލިއްޔަތު ކޮމިޓީއިން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް ހުށަހެޅުއްވުމަށް ކޮމިޓީގެ މުޤައްރިރު ޖަލްސާއަށް ވަޑައިގެންފައި ނުވުމާއެކު، މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ނޮޅިވަރަމް ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ނަޝީދަށް ރިޕޯޓް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެއްވުމުން ރިޕޯޓް ގައި ނުހިމެނޭ ބައެއް ހުށަހަޅުއްވާފައި ވާތީ، މިރިޕޯޓް އަލުން ހުށަހެޅުއްވުމާމެދު މާލިއްޔަތުގެ ކޮމިޓީގެ މުޤައްރިރުގެ މަޝްވަރާއެއް ހޯއްދެވުމަށްފަހު، ރިޕޯޓުގެ ނިންމުން އަލުން މަޖިލީހަށް ހުށަހަޅުއްވައި ރިޕޯޓުގެ ބަހުސް ކުރިއަށްގެންދަވައިފިއެވެ.

މިއަދުގެ ޖަލްސާގެ މެންދުރު ފަހުގެ ގަޑީގައި، މިރިޕޯޓަށް ބަހުސްކުރައްވަމުން ގެންދަވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ 37 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، 5 މިނެޓް ވީއިރުވެސް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ޢަދަދަށް މެންބަރުން ޙާޒިރުވެވަޑައިނުގަތުމުގެ ސަބަބުން 14:04 ގައި ވަނީ ރިޔާސަތުން ޖަލްސާ ނިންމަވާލައްވާފައެވެ.

މިރިޕޯޓުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުން ޤާނޫނާއި ގަވާއިދާއި ޚިލާފަށް ލިވިންގ އެލަވަންސް ނަންގަވާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވާފައިވާ މައްސަލައާއިގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުން 28 ޑިސެމްބަރ 2010 ވަނަ ދުވަހު ފާސްކުރައްވާފައިވާ މުސާރައިގެ އޮނިގަނޑުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންނަށް ލިވިންގ އެލަވަންސް ކަނޑައަޅުއްވާފައިނުވާތީ މީޑިއާ ކައުންސިލުގެ މެންބަރުންނަށް ލިބިދެވިގެންވާނެ ފައިސާއެއް ނޫންކަމަށް މާލިއްޔަތު ކޮމިޓީން ނިންމަވާފައިވެއެވެ. އަދި ކައުންސިލުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި، މަޤްޞަދުތައް އެންމެ ފުރިހަމަ ގޮތުގައި ޙާސިލްކޮށްފައިނުވާތީ މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލުމަށް ފެންނަ ކަމަށް މަޖިލީހަށް ލަފާދެއްވާފައިވެއެވެ.

މީގެއިތުރުން، މޯލްޑިވްސް މީޑިއާ ކައުންސިލްގެ މަސްއޫލިއްޔަތުގެ ތެރެއިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މަސްއޫލިއްޔަތުގެ ތެރޭގައި ނުހިމެނޭ މަސްއޫލިއްޔަތުތައް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މަސްއޫލިއްޔަތުގެ ތެރެއަށް އިތުރުކުރަމަށް ކޮމިޓީއަށް ފެންނަ ކަމަށް ނިންމެވުމުގެ އިތުރުން މި ކަމާއިގުޅޭގޮތުން ޤާނޫނު ތަކަށް ގެންނަން ޖެހޭ އިޞްލާޙްތައް ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި ގެންނަން ފެންނަ ކަމަށްވެސް ނިންމަވާފައިވެއެވެ.

 

22 ރަޖަބު 1433

13 ޖޫން 2012