މާލިއްޔަތު ކޮމިޓީގެ 22 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

މާލިއްޔަތު ކޮމިޓީގެ 22 ވަނަ ބައްދަލުވުން މިއަދު 09:45 ން 10:15 ށް ބާއްވައިފިއެވެ.

މިބައްދަލުވުމުގައި މާލިއްޔަތު ކޮމިޓީގެ މުޤައްރިރު، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، މަޖިލީހުގެ ރިޔާސަތުގައި އިންނެވުމުންނާއި، ކޮމިޓީގެ މުޤައްރިރުގެ ނާއިބު ކޮމިޓީއަށް ޙާޟިރުވެވަޑައިގެންނެތުމުން މާލިއްޔަތު ކޮމިޓީގެ ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަގުތީ ގޮތުން ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ އެ ވަގުތު ކޮމިޓީގައި ހާޒިރުވެތިއްބެވި މެންބަރުންގެ އަޢުލަބިއްޔަތުން ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ އެވެ.

މިއަދުގެ ކޮމިޓީގައި އެޖެންޑާގެ އެހެނިހެން ކަންކަމުގެ ތެރެއިން ފާއިތުވި މާޗް މަހު މާލިއްޔަތު ކޮމިޓީ ފިޔަވައި އެހެން ކޮމިޓީއެއް ބޭއްވިފައިނުވާތީ އެ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަށް ކޮމިޓީ އެލަވަންސް ލިބިލައްވާފައިނުވާ މައްސަލަ އާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިއަދު ބޭއްވުނު މިކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު, ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމްއެވެ. މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް ކޮމިޓީއަށް ވަޑައެއް ނުގަންނަވައެވެ. ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިންނެވީ މަޖިލީހުގެ ރިޔާސަތުގައެވެ.

22 ރަޖަބު 1433

13 ޖޫން 2012