ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ ބިލް ދިރާސާކުރެއްވުމަށް މުޅި މަޖިލީހުގެ ކުޑަ ކޮމިޓީ މިއަދު ދެވަނަ ބައްދަލުވުމެއް ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކުޑަ ކޮމިޓީގެ ދެވަނަ ބައްދަލުވުން 08 މެންބަރުންގެ ހާޒިރުގައި މިއަދު މެންދުރުފަހު 14:00 ފެށިގެން 15:00 ހަމައަށް ކުރިއަށްގެންގޮސްފައިވެއެވެ.

 މިއަދުގެ ބައްދަލުވުމުގައި، ސަރުކާރުގެ ފަރާތުން، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށައަޅުއްވާފައިވާ، “ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ ބިލް”، މަޖިލީހުގެ ޤަވާއިދުގެ 128 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބިލުގެ މަސައްކަތް ކޮމިޓީއިން ނިންމަވާނެ ސުންގަޑިއަކީ 31 އޮކްޓޯބަރ 2012 ކަމުގައި ކަނޑައެޅުނެވެ.

މި ބައްދަލުވުމުގައި ބިލުގެ 23 ވަނަ މާއްދާގެ (ރ) އިން ފެށިގެން 32 ވަނަ މާއްދާގެ ނިޔަލަށް މެންބަރުންގެ މެދުގައި މަޝްވަރާ ކުރައްވާފައިވެއެވެ.

މުޅި މަޖިލީހުގެ ކުޑަ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރުގެ ނާއިބު މާމިނގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙަންމަދު ސާލިޙު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދު ﷲ، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު އަދި ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމެވެ.