މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު ޢައްޔަނުކުރެއްވުމަށް އިޤްތިޞާދީ ކޮމިޓީން އިންޓަވިއު ކުރައްވަން ފައްޓަވައިފި

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގެ 2012 ވަނަ އަހަރުގެ ހަތްވަނަ ބައްދަލުވުން މިއަދު ހެނދުނު 09:30 ގައި ބާއްވައިފިއެވެ. މި ބައްދަލުވުމަށް 06 މެންބަރުން ހާޒިރުވެވަޑައިގެންނެވިއެވެ.

މިއަދުގެ ހެނދުނުގެ ބައްދަލުވުމުގައި ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ބެއްލެވުމަށްފަހު މޯލްޑިވްސް އިންލެންޑް ރެވިނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑަށް ނަންހުށައަޅުއްވާފައިވާ ފަސް ބޭފުޅުންގެ އިންޓަވިއުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ.

މިއަދުގެ އިޤްތިޞާދީ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރުގެ ނާއިބު މާމިނގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދު ﷲ، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން އަބްދުﷲ ޙަމީދު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް އަދި ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމެވެ.

22 ރަޖަބު 1433

12 ޖޫން 2012