މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަތަރުވަނަ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް ޢަލީ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފިއެވެ.
މިއަދަކީ މިބިލުގެ ބަހުސް ކުރިއަށް ގެންދެވުނު ދެވަނަދުވަހެވެ. މިއަދުގެ ޖަލްސާގެ ވަގުތު ހަމަވުމުގެ ސަބަބުން ރިޔާސަތުން ޖަލްސާ ނިންމަވާ ލެއްވިއިރު 2 މެންބަރަކު މިބިލަށް ވާހަކަދައްކަވާފައިވެއެވެ.
މިބިލު ހުށަހަޅުއްވާފައިވާ މަޤްޞަދުގެ ތެރޭގައި ޤާނޫނު ނަންބަރ 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 26 ވަނަ މާއްދާގެ ދަށުން، ޝަރަފްވެރިކަމާއެކު ފަނޑިޔާރުކަމުން ވަކިވާ މީހުންނަށް ކަނޑައަޅާފައިވާ ޚާއްޞަ ޢިނާޔަތާއި އިމްތިޔާޒުތަކުގައި ފަނޑިޔާރުންގެ މަޤާމުން ކުށަކާނުލައި ވަކިވާ ކޮންމެ ފަނޑިޔާރަކު ޝާމިލްވާގޮތަށް ބަދަލުކުރުން ހިމެނެއެވެ.
21 ރަޖަބު 1433
11 ޖޫން 2012