ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގެ މިއަހަރުގެ 7ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގެ 7 ވަނަ ބައްދަލުވުން ބާއްވާފައިވަނީ މިއަދު މެންދުރު 12:30 ން 13:04  އަށެވެ. މިބައްދަލުވުމުގައި ކޮމިޓީގެ ހަތް މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގައި ހުރި ގަވާއިދުތަކުގެ މަސައްކަތް އަވަހަށް ނިންމަވާނެ ގޮތަކާ މެދު މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ނިންމަވާފައިވަނީ ކޮމިޓީގައި ހުރި ގަވައިދުތައް ކޮމިޓީގެ ޤާނޫނީ ބޭފުޅުން ބައްލަވާ ޤާނޫނާ ފުށުއަރާ ކަންކަން ކޮމިޓީގެ ސަމާލުކަމަށް ގެނައުމަށްފަހު، އެކަންކަމާ މެދު މެންބަރުން މަޝްވަރާކުރައްވާ ވަކި ގޮތެއް ނިންމެވުމަށެވެ.

މިގޮތުން އާންމު ކޮމިޓީގެ ފަރާތުން ފޮނުވާފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ޙާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ހަމަޖެހޭ ޤަވާއިދު ހެދުމުގެ މައްސަލަ ބައްލަވާ، އަދި މި ގަވާއިދު ހެދުން ލަސްވަމުންދާތީ ކުޑަކުދިންނަށާއި މުޖްތަމަޢުއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަމާ މެދު މަޝްވަރާކުރެވުނެވެ.

މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު މުޙަންމަދާއި، ކޮމިޓީގެ އިތުރު މެންބަރުންގެ ތެރެއިން އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤު ހަސަން، ދިއްދޫ ދާއިރާގެ މެންބަރު އަޙުމަދު ސަމީރާއި، އޭދަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމާއި، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒާއި، ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބާއި، ފުއައްމުލަކު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަނެވެ.