މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ތިންވަނަ ޖަލްސާގައި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ޢަމަލުކުރުމުގެ ގަވާއިދު، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 ގައި ހިމެނުމާބެހޭ ގޮތުން ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި މައްސަލަ ނިންމެވި ގޮތުގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ހުށަހެޅުއްވިގޮތަށް ވޯޓުގެ ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވައިފިއެވެ.
ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް 51 މެންބަރުން ވޯޓް ދެއްވާފައިވާއިރު، އެއްވެސް މެންބަރަކު ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައެއް ނުވެއެވެ. އެއް މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއްނުވެއެވެ.
މީގެއިތުރުން ހިތަދޫ ދެކުނު ދާއިރާގެ ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށް ވޯޓަށް އަހާފައިވެއެވެ. އެހެންނަމަވެސް މިބިލު މަޖިލީހުން ފާސްކުރައްވާފައެއް ނުވެއެވެ.
މިބިލު ބަލައިގަތުމަށް ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 12 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 40 މެންބަރުން ވޯޓް ދެއްވާފައިވާއިރު 4 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 11 ޖޫން 2012 ވާ ހޯމަ ދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާގޭގައެވެ.
16 ރަޖަބު 1433
6 ޖޫން 2012