ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ރައްޔިތުންގެ މަޖިލީހުގައި ޢިއުލާންކޮށް އެނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ކޮމިޓީއަށް ފޮނުއްވައިފި

ިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ތިންވަނަ ޖަލްސާގައި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި، ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގައި ޢިއުލާންކޮށް އެނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް އިޤްތިޞާދީ ކޮމިޓީއަށް، އަދި އެ ކޮމިޝަންގެ މެންބަރުންނަށް ދެވޭ މުސާރައާއި އެހެނިހެން ޢިނާޔަތްތައް ކަނޑައެޅުއްވުމަށް މާލިއްޔަތު ކޮމިޓީ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ނަންފުޅުތަކަކީ މއ.ކަށިމާ އަޙްމަދު ޝާކިރު، ހ.އާޒާދެވާދީ ވިޒާދު ޢަލީ، މ.ބިލާލުގެ ޢަބްދުﷲ ޝިނާޙު، ގ.ވިޔަވަތި އަޙްމަދު ޢަލިމަނިކު، މއ.ފެހިއަލި ޢަބްދުއްރަޙީމް ޢަބްދުއްރަޙްމާން، ހ.ބަރަބޯމާގެ ޢާއިޝަތު ޝިއުނާ، ގއ.ކަނޑުހުޅުދޫ ބްލޫރޯޒް ޖިހާދާ އަނީސް، ދަފްތަރު ނަންބަރު 2245 ފަރީޝާ އާދަމް، ހ.ތެވެލި މުޙަންމަދު ޝަރީފް، ދަފްތަރު ނަންބަރު 2613 ޢަބްދުﷲ ނިސާމް، ގ.އަތަ ޔޫސުފް މާނިޢު މުޙަންމަދު އަދި ގ.ޢަލީއާބާދު ފާޠިމަތު ޝަމްވީލާ އެވެ.

މިއަދުގެ ޖަލްސާގެ ހުސްވަގުތުކޮޅު އައިއިރު ބަހުސްކުރެވެމުން ދިޔައީ ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ.

16 ރަޖަބު 1433

6 ޖޫން 2012