މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ މައްޗަށް ހުށަހަޅުއްވާފައިވާ އިތުބާރުނެތްކަމުގެ މައްސަލަ ފާހެއް ނުވިއެވެ.
އިތުބާރު ނެތް ކަމަށް ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 25 މެންބަރުންނެވެ. 45 މެންބަރުން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވާއިރު 2 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއްނުވެއެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ދިފާއުގައި ވާހަކަ ދެއްކެވުމަށް، ބަހުސް ފެށުމުގެ ކުރިން 10 މިނެޓް އަދި ބަހުސް ނިމުމަށްފަހު 20 މިނެޓްގެ ވަގުތުކޮޅެއް އަރުވާފައިވެއެވެ. މިމައްސަލަ އަށް ޖުމްލަ 33 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާފަދައިން މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ނާޒިމް އެވެ.
މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ މައްޗަށް އިތުބާރު ނެތްކަމަށް މައްސަލަ ފޮނުއްވާފައިވަނީ 17 އޭޕްރީލް 2012 ވީ އަންގާރަދުވަހު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ 27 މެންބަރަކު ސޮއި ކުރައްވާފައެވެ. މިއަދުގެ ޖަލްސާގައި މިމައްސަލަ ހުށަހަޅުއްވައިދެއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އެވެ.
15 ރަޖަބު 1433
5 ޖޫން 2012