މިއަދު ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓާއި ގުޅިގެން އައި.ޕީ.ޔޫގެ ލަފާދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓާއި ގުޅިގެން، މަޖިލީހުގެ ރައީސަކު މަޤާމުން ވަކިކުރުމަކީ ވަރަށް ވެސް ސީރިއަސްކޮށް ނަގާ މައްސަލައެއްކަމުން، މަޖިލީހުގެ ރައީސަކު މަޤާމުން ވަކި ކުރަންވާނީ، އެކަމާއި މެދު ރަނގަޅަށް ފިކުރުކޮށް ދުރުވިސްނައިގެން ނަގާ ނިންމުމެއްގެ މައްޗަށް ކަމަށާއި، ނޫންނަމަ ރާއްޖެއަށް މިހާރުވެސް ދިމާވެފައިވާ ސިޔާސީ ހަލަބޮލިކަމުގައި އިތުރު މައްސަލަތަކާއި ކުރިމަތިވުމުގެ ފުރުސަތު ފަހިވެދާނެކަން އިންޓަރ-ޕާލިމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ)ގެ ފަރާތުން ހުށަހަޅުއްވާފައިވާ ކަރުދާހެއްގައި ފާހަގަކުރައްވާފިއެވެ.

މިކަމާއި ގުޅިގެން އައި.ޕީ.ޔޫއިން ހުށަހަޅުއްވާފައިވާ ކަރުދާހުގައި ފާހަގަކުރައްވާފައިވަނީ މިކަމުގައި 16 އޭޕްރީލް 2012 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިންމަވާފައިވާ ގޮތުން އާންމު ކޮމިޓީގެ ބައްދަލުވުމެއް ވީ އެންމެ އަވަސް މުއްދަތެއްގައި ބާއްވާ، ރިޔާސީ ބަޔާނަށް ޖަވާބު ދިނުމުގެ މައްސަލަ ވީ އެންމެ އަވަހަކަށް ވަކި ގޮތަކަށް ނިންމެވުމަށް އިލްތިމާސްކޮށްފައިވެއެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުގެ ސަބަބެއް ކަމުގައި އެމް.ޑީ.ޕީން ބުނެފައިވާ ކަންތަކަކީ، މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރާވަރުގެ ނިންމުމެއް ނޫންކަމަށް އައި.ޕީ.ޔޫއިން ފާހަގަކުރައްވާފައިވެއެވެ. އަދި އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުން ދުނިޔޭގެ ވަރަށް ގިނަ ޤާނޫނު ހަދާ މަޖިލިސްތަކުގައި ޢަމަލުކުރަމުންދާގޮތަކީ، މަޖިލީހުގެ ޤަވައިދުގައި ބަޔާން ނުކުރާ ހާލަތެއް ކުރިމަތިވެއްޖެނަމަ އެކަމާއި ގުޅޭ ގޮތުން ނިންމުން ނިންމަވާ ނުވަތަ އެ ޤަވާޢިދު ތަރުޖަމާކުރައްވަނީ މަޖިލީހުގެ ރައީސެވެ. ރިޔާސީ ބަޔާން އިއްވެވި ދުވަހުވެސް ރާއްޖޭގައި މަޖިލީހުގެ ރައީސްގެ ނިންމުން ނިންމަވާފައިވަނީ މިގޮތުގެ މަތީންކަން އައި.ޕީ.ޔޫއިން ފާހަގަކުރައްވައެވެ.

އެ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ އަމަލުފުޅުގެންދެވީ، މަޖިލީހުގެ ޤަވައިދުގެ 3 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ޤަވައިދަށް ހުރަސް އެޅިދާނެ އަމަލުތައް ހުއްޓުވުމަށް އެމަނިކުފާނަށް ލިބިދޭ ހައްޤުތަކާއި ޚިލާފުނުވާ ގޮތަށް ކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.

މިގޮތުން، މި ފަދަ ހާލަތެއްގައި މައްސަލަ ހައްލުކުރުމުގެ ގޮތުން، ވަގުތުން ވަގުތަށް ޤަވައިދަށް ބަދަލުގެންނަވާ، މި ބަދަލަކީ ދެން ކުރިއަށްއޮތްތާނގައި އެފަދަ ހާލަތްތަކުގައި އަމަލުކުރެވޭނެ ސިޔާސަތާއި ޤަވައިދުކަމަށް ނުވަތަ “ޕްރެސެޑެންޓް” ކަމަށް ނިންމެވުމުގެ ބާރު މަޖިލީހުގެ ރައީސަށް ލިބިގެންވާކަމާއި، މަޖިލީހުގެ ރައީސް މި މައްސަލަ އާންމު ކޮމިޓީއަށް ފޮނުއްވާ، ކޮމިޓީން ވަކި ގޮތެއް ނިންމުމަށް އެދިވަޑައިގެންފައިވާތީ، އެ އަމަލުފުޅަކީ އެއްވެސް ހާލެއްގައި ޙުދްމުހްތާރު އަމަލެއް ނޫން ކަން ކަށަވަރުވާކަމަށް އައި.ޕީޔޫއިން ފާހަގަކުރައްވައެވެ. އަދި ކޮމިޓީ މަސައްކަތް ކުރިއަށްދަނީ ހުރިހާ ސިޔާސީ ޕާޓީއެއްގެ ފިކުރުތަކާއި ވިސްނުން އެކަމަކަށް ރިޢާޔަތްކޮށްގެންކަމަށް އައި.ޕީ.ޔޫއަށް ޤަބޫލުކުރައްވާކަމަށާއި ނަމަވެސް މިހާތަނަށް މިމައްސަލައާއި ގުޅިގެން އާންމު ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައިނުވާތީ، މި ކޮމިޓީގެ ބައްދަލުވުމެއް ބާއްވާ މި މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކުރުން އެއީ މުޙިންމު ކަމެއްކަމަށްވެސް އައި.ޕީ.ޔޫއިން ފާހަގަކުރައްވާފައިވެއެވެ.

މި މައްސަލަ ބެލުމަށްފަހު، މި ލަފާ އައި.ޕީ.ޔޫއިން ފޯރުކޮށްދެއްވާފައިވަނީ، ޤާނޫނު ހަދާ މަޖިލިސްތަކުގެ ހިންގުމުގެ ދާއިރާގެ ފަންނީ ބޭފުޅުންގެ އެހީތެރިކަމާއި އައި.ޕީ.ޔޫއިން ގެންގުޅޭ މިންގަނޑުތަކުގެ އަލީގައެވެ.

15 ރަޖަބު 1433

5 ޖޫން 2012