ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ކުރިއަށްދަނީ

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ މައްޗަށް ހުށަހަޅުއްވާފައިވާ އިތުބާރުނެތްކަމުގެ މައްސަލައިގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ކުރިއަށް އެބަދެއެވެ.

މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ މައްޗަށް އިތުބާރު ނެތްކަމަށް މައްސަލަ ފޮނުއްވާފައިވަނީ 17 އޭޕްރީލް 2012 ވީ އަންގާރަދުވަހު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ 27 މެންބަރަކު ސޮއި ކުރައްވާފައެވެ.

މިއަދުގެ ޖަލްސާގައި މިމައްސަލަ ހުށަހަޅުއްވައިދެއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އެވެ. އެއަށްފަހު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އަށް މިމައްސަލައަށް ޖަވާބުދެއްވުމަށް 10 މިނެޓްގެ ވަގުތުކޮޅެއް އެރުވުނެވެ.

ހުސްވަގުތުކޮޅާއި ހަމައަށް މިމައްސަލައަށް ޖުމްލަ 15 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ.

15 ރަޖަބު 1433

5 ޖޫން 2012