ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރާންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެމަޖިލީހުން ފާސްކުރުމަށްފަހު، އެމަޖިލީހުން ނިންމާ ގޮތުގެމަތިންކަމަށް ބަޔާންކޮށްފައިވާތީ، “ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް)” ގައި ދިވެހިރާއްޖޭން ބައިވެރިވުމުގެ މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ބަހުސްކުރައްވައި، ޤައުމީ ތަރައްޤީޤެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް އަދި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ޢަމަލުކުރުމުގެ ގަވާއިދު، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 ގައި ހިމެނުމާބެހޭގޮތުން ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި މައްސަލަ ނިންމެވިގޮތުގެ ރިޕޯޓުގެ ބަހުސްގެ މަރުހަލާ ނިންމަވާލައްވާފައިވެއެވެ.
މިއަދުގެ ޖަލްސާ ނިންމަވާލެއްވިއިރު ބަހުސް ކުރެވެމުން ދިޔައީ ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލަށެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 5 ޖޫން 2012 ވާ އަންގާރަދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާ ގޭގައެވެ.
14 ރަޖަބު 1433
4 ޖޫން 2012