ޢާންމު ކޮމިޓީގެ 2012 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީގެ 2012 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން މިއަދު ހެނދުނު 9:30 އިން 10:15 އަށް ކުރިއަށްގެންދަވައިފިއެވެ. މި ބައްދަލުވުމުގައި 9 މެންބަރުން ބައިވެރިވަޑައިގަތެވެ.

ކޮމިޓީގައި އެޖެންޑާގެ ފުރަތަމަ އައިޓަމް ކަމުގައިވާ، 5 ޖޫން 2012 ވާ އަންގާރަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައި އެޖެންޑާ ކުރެވިފައިވާ މަޖިލީހުގެ ރައީސް، އަލްފާޞިލް އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ ވޯޓްގެ ކަންތައް ކުރިއަށްދާއިރު، މަޖިލީހުގެ މެންބަރުންނަށް ބަޙުސްގެ ފުރުސަތު ދޭނެ މިންވަރާއި ވަގުތު ކަނޑައެޅުއްވުމާއި، މަޖިލީހުގެ ރައީސް ޖަވާބުދެއްވާނެ ފުރުޞަތު ކަނޑައެޅުމުގެ މަސައްކަތް ކުރައްވާފައިވެއެވެ. އެގޮތުން އިއްތިފާޤު ވޯޓަކުން ނިންމަވާފައިވަނީ، މައްސަލަ ހުށަހެޅުއްވުމާއެކު ގިނަވެގެން 3 ގަޑިއިރުގެ ބަޙުސް ވަގުތު ކަނޑައެޅުއްވުމަށެވެ. އޭގެ ތެރޭގައި މައްސަލަ ހުށަހަޅުއްވާ މެންބަރަށް 10 މިނެޓްގެ ވަގުތާއި، މަޖިލީހުގެ ރައީސް ޖަވާބު ދެއްވުމަށް 10 މިނެޓް، އަދި ބަޙުސްގެ މެދުތެރެއިން މަޖިލީހުގެ ރައީސް ވާހަކަދެއްކެވުމަށް 15 މިނެޓް، އަދި ބަޙުސް ނިނަމަވާލެއްވުމުގެ ކުރިން މަޖިލީހުގެ ރައީސްއަށް 20 މިނެޓްގެ ފުރުސަތެއް ދެއްވުމަށެވެ.  މިގޮތުން ބާކީ އޮތް 2 ގަޑިއިރާ 5 މިނެޓް ބަޙުސް ވަގުތުގައި 77 މެންބަރުންނަށް ފުރުސަތު އެރުއްވުމަށް ބޭނުންކުރެއްވުމަށް ނިންމަވާފައިވެއެވެ.

އެއަށްފަހު އެހެނިހެން ކަންތައްތަކުގެ ތެރެއިން މަޖިލީހުގެ މެންބަރުންނަށް ކޮމިޓީ އެލަވަންސް އެއް ދިނުމަށް ނިންމަވާފައިވާތީ، އެ އެލަވަންސް މިއަދާ ހަމައަށް ލިބިފައި ނުވާ ކަމަށް ފާހަގަކުރައްވާ ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް ހުށަހެޅުއްވި މައްސަލައާއި މެދު ކޮމިޓީގައި މަޝްވަރާ ކުރެވުނެވެ.

މީގެ އިތުރުން ޖަލްސާގެ ބަޙުސްތަކުގައާއި، ރިޔާސަތުން ވާހަކަދައްކަވާއިރު ރަނގަޅަށް އަޑު ސާފުނުވާތީ އެކަން ޙައްލުކުރެއްވުމަށް ކޮންމެ މެންބަރެއްގެ މޭޒުގައި ހެޑްފޯނެއް ހަރުކުރުމަށް އެދިވަޑައިގެން ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ގަސަމް ހުށަހެޅުއްވި މައްސަލައާއި މެދުވެސް ކޮމިޓީގައި މިއަދު ވަނީ މަޝްވަރާކުރައްވާފައެވެ.

މިއަދުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ކޮމިޓީގެ މުޤައްރިރު ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދް، ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރު، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙައްމަދު ޞާލިޙު، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ގަސަމް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުޙުސިން ހަމީދުއެވެ.