އިމްތިޔާޒް ކޮމިޓީގެ 8 ވަނަ ބައްދަލުވުން ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީގެ 8 ވަނަ ބައްދަލުވުން ބާއްވާފައިވަނީ މިއަދު މެންދުރު 14:04 އިން 14:45 އަށެވެ. މި ބައްދަލުވުމުގައި 7 މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އަތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ 29 މެއި 2012 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބަލުމުގެ ދަށަށް ގެންގޮސްފައިވާ މައްސަލައެވެ. މިމައްސަލާއާއި މެދު ވާހަކަ ދެއްކެވުމަށްފަހު، ޕޮލިސް ސަރވިސްގެ ކަމާބެހޭ ބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރެއްވުމަށް ހުށަހެޅި ހުށަހެޅުން 3 މެންބަރުންގެ ވޯޓުން ވަނީ ފާސްވެފައެވެ. މި ހުށަހެޅުމަށް ނުފެންނަ ކަމަށް ވޯޓް ދެއްވާފައިވަނީ 1 މެންބަރެވެ. މިގޮތުން މި ހުށަހެޅުމާއި އެއްގޮތުގެ މަތީން، ކޮމިޓީގެ ދެން އޮންނަ ބައްދަލުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކަމާބެހޭ ބޭފުޅުން ހާޒިރު ކުރުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ، މަތިވެރި ދާއިރާގެ މެންބަރު ޙުސެއިން މުޙަންމަދު، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުޙުސިން ޙަމީދު، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް އަދި އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީއެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، އަދި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ބައްދަލުވުމުގައި ބައިވެރިވެވަޑައެއްނުގަންނަވައެވެ.

 

10 ރަޖަބު 1433

31 މެއި 2012