ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ހ. ވައިޓް ޑައިމަންޑް / އަލްފާޟިލާ ޖަމީލާ ޢަލީ ޚާލިދުގެ ނަންފުޅު މަޖިލީހުން ފާސްކުރައްވައިފި

ރައްޔިތުންގެ މިއަހަރުގެ މިދައުރުގެ 14 ވަނަ ޖަލްސާގައި، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ހ. ވައިޓް ޑައިމަންޑް / އަލްފާޟިލާ ޖަމީލާ ޢަލީ ޚާލިދުގެ ނަންފުޅު މަޖިލީހުން ފާސްކުރައްވައިފިއެވެ. މިގޮތަށް ފާސްވީ އެވަގުތު ޖަލްސާއަށް ހާޒިރުވެވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާ ކަމަށް 3 މެންބަރުން ވޯޓުދެއްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި 5 މާރޗް 2012 ވަނަ ދުވަހު ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި މ. ވެސްޓްވިއު ޢަބްދުﷲ ޖިހާދު އެމަޤާމުން އިސްތިޢުފާ ދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ 6 މާޗް 2012 ވަނަ އެންގެވުމާ ގުޅިގެން، ޤާނޫނު ނަންބަރ 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން، އެމަޤާމު ހުސްވުމާގުޅިގެންނެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލެއްވުމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޢާންމުކޮށް އިޢުލާންކޮށް އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޤާމުގެ ޝަރުތު ފުރިހަމަވާކަމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީން ކަނޑައެޅުއްވި 6 ބޭފުޅުންނާ އިންޓަރވިއުކުރެއްވުމަށްފަހު އެންމެ މަތިން މާރކްސް ލިބިވަޑައިގެންނެވީ ހ. ވައިޓް ޑައިމަންޑް / އަލްފާޟިލާ ޖަމީލާ ޢަލީ ޚާލިދުއަށެވެ.

މިއަދުގެ ޖަލްސާގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންފުޅުތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވި އެކޮމިޓީގެ މުޤައްރިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އެވެ.

 

9 ޖުމާދަލްއާޚިރު 1433

30 އޭޕްރިލް 2012