ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާއަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ހުށަހަޅުއްވާފައިވާ އިޞްލާޙު މަޖިލީހުން ގެންނެވި އިޞްލާޙާއެކު ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާއަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވުމަށްފަހު ކޮމިޓީން ނިންމެވި ރިޕޯޓަށް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް ހުށަހެޅުއްވި އިޞްލާޙާއެކު 2012 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާގައި މިއަދު ފާސްކުރައްވައިފިއެވެ.

ރަޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާއަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ހުށަހަޅުއްވާފައިވާ އިޞްލާޙް ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 48 މެންބަރުންނެވެ. 3 މެންބަރަކު ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވާއިރު 8 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ށ) (ނ) އަދި (ރ) އިސްލާޙްކުރެއްވުމަށާއި އެ މާއްދާގެ (ރ) ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވާ އިސްލާޙެކެވެ. މި އިސްލާޙް ކޮމިޓީއަށް ހުށަހަޅުއްވާފައިވަނީ 30 ނޮވެމްބަރ 2011 ގައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ގ.ކެނެރީގެ މުޙަންމަދު ނަޝީދު، އޭނާގެ ރިޔާސީ ވެރިކަމުގައި ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށްކޮށްފައިވާ ކަންކަން ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން ބަލައި ތަޙްޤީޤުކޮށް ދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ގަވާއިދުގެ 144 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ޤަރާރުގެ ސުރުޚީ މަޖިލީހަށް އިއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ޤަވާއިދުގެ 54 ވަނަ މާއްދާގެ (ޅ) ގެ ދަށުން ދާންދޫ ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ރިޔާޟް އާއި ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒްގެ ނަން އިއްވާފައިވެއެވެ.

9 ޖުމާދަލްއާޚިރު 1433

30 އޭޕްރިލް 2012