2010 ވަނަ އަހަރަށް ސަރުކާރުން ހުށަހެޅުއްވި ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ މަސައްކަތް ދިޔަ ގޮތާ ބެހޭގޮތުން ބަޖެޓް ކޮމެޓީގެ މުޤައްރިރު މަޢުލޫމާތު ދެއްވައިފި

ރޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވުނު ނިއުސް ކޮންފަރެންސްގައި 2010 ވަނަ އަހަރަށް ސަރުކާރުން ހުށަހެޅުއްވި ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ މަސައްކަތް ދިޔަ ގޮތާ ބެހޭގޮތުން ބަޖެޓް ކޮމެޓީގެ މުޤައްރިރު މަޢުލޫމާތު ދެއްވައިފިއެވެ.

ބެޖެޓް ކޮމެޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވިގޮތުގައި ކޮމިޓީން ދިރާސާކުރެއްވުމަށް ކުރި މަސައްކަތުގެ ތެރޭގައި ހުރިހާ ޕާޓީއެއްގެ އެއްބަސްވުމާއެކޮށް މި ރިޕޯޓް ނިންމުމަށް ވަރަށް ބޮޑަށް އިސްކަމެއް ދެވުނުކަމަށާއި، މިކަމަށް ހޮވުނު ކޮމިޓީގައި އަމިއްލަގޮތުން މަޖިލީހަށް ހޮވިވަޑައިގެން ތިއްބެވި މެންބަރުންނާއި، މަޖިލީހުގައި ހިމެނޭ ފަސް ޕާޓީގެ މެންބަރުންވެސް ހިމެނިވަޑައިގެން ތިއްބެވިކަމަށް ވިދާޅުވިއެވެ. އަދި އެއްވެސްކަމެއްގައި ވޯޓެއް ނެގުމެއްނެތި ހުރިހާ ޕާޓީއެއްވެސް އެއްބަސްވުމާއެކޮށް ބަޖެޓް ރިޕޯޓް ނިމިފައިވާކަމަށްވިދާޅުވިއެވެ. އެހެންނަމަވެސް އަމިއްލަ ނޫސްވެރިނަށް ސަބްސިޑީއެއް ދިނުމުގެ މައްސަލައިގައި ހިޔާލުތަފާތުވުން އުފެދި އެކަން ނިމިގެން ދިޔައީ ވޯޓަކުން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ބަޖެޓް ދިރާސާކުރުމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށެވެ. އޭގެ އެންމެ މައިގަނޑު އެއް ސަބަބެއްކަމަށް ވިދާޅުވީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އަމަލުކުރަން ފަށާފައިވަނީ 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުކަމަށްވުމުން މާލިއްޔަތުގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލިސް އަދާކުރަން ޖެހުނު ޒިންމާތައްވެސް އިތުރުވެފައިވާތީކަމަށް ވިދާޅުވިއެވެ. އަދި ބަޖެޓް ފާސްކުރުމުގެ މަސައްކަތް އަވަސްކުރުމަށް ބޭނުންވެފައިވަނީ ވަރަށް މުހިންމު ބިލުތަކެއް މަޖިލީހުން ނިންމަންވެފައި ހުރުމުންކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ޓެކްސް ނެގުމުގެ އިދާރީ ބިލުގެ އިތުރުން ކުށްވެރިންނަށް މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ބިލާއި، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބިލާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލަކީވެސް މުހިއްމު ބިލްތަކެއް ކަމުގައި ވިދާޅުވިއެވެ.