މުޅިމަޖިލިސް އެކުގައި ކޮމެޓީއަކަށް ގޮސްގެން ބެލުމަށް މަޖިލީހުގެ ގަވައިދުގައި ބުނާ މަސައްކަތް ކުރިއަށް ގެންދާނޭގޮތުގެ ގަވާއިދު ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 117 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެމަތީން މުޅިމަޖިލިސް ކޮމެޓީއަކަށް ބަދަލުވެގެން މަސައްކަތްކުރަންޖެހޭ ޙާލަތްތަކުގައި ކޮމެޓީގެ މަސައްކަތް ގެންދާނެގޮތުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދަށް ކޮމެޓީން ގެންނެވި 3 އިސްލާހާއެކު އެގަވާއިދު ފާސްކުރައްވައިފިއެވެ.

މިއަދު ފާސްކުރެވުނު ގަވާއިދުގެ ބައެއް މާއްދާތަކަށް ބަލާއިރު، މަޖިލީހަށް ހުށަހެޅޭ ބިލެއް ނުވަތަ ޤަރާރަކީ ދައުލަތުގެ މާލިއްޔަތަށް އެއިން އަސަރުކުރާނެ ނުވަތަ ޓެކުހެއް ނަގަންޖެހޭނެ ނުވަތަ ރައްޔިތުންގެ އަތުން ފައިސާއެއް ނަގަންޖެހޭނެކަމެއް ހިމެނޭ ބިލެއް ނުވަތަ ޤަރާރެއްކަމުގައިވާނަމަ، އެބިލެއް ނުވަތަ ޤަރާރެއް މަޖިލީހުން ބަލައިގަތުމާއެކު އެބިލެއް ނުވަތަ ޤަރާރެއް އިތުރަށް ފުރިހަމަކުރުމަށް މުޅި މަޖިލިސް އެކުގައި ކޮމިޓީއަކަށް ބަދަލުވެގެން މަސައްކަތް ކުރެވިދާނެކަމަށާއި، މުޅި މަޖިލިސް އެކުގައި ކޮމިޓީއަކަށް ގޮސްގެންކުރާ މަސައްކަތަކާ ގުޅިގެން ކުޑަ ކޮމިޓީއެއް އެކުލަވާލައި، މައި ކޮމިޓީން ކުރަމުންދިޔަ މަސައްކަތްކުރުމަށް ކުޑަ ކޮމިޓީއަކާ ޙަވާލުކުރުމުގެ އިޚްތިޔާރު މައި ކޮމިޓީއަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މަޖިލީހުގައި ހިމެނޭ ދާއިމީ ކޮމިޓީތަކުގެ ތެރެއިން ވަކި ކޮމިޓީއަކަށް އެމަސައްކަތެއްކުރުމަށް ޙަވާލުކުރުމުގެ އިޚްތިޔާރުވެސް މައި ކޮމިޓީއަށް ލިބިގެންވާކަމަށާއި، ކުޑަ ކޮމިޓީއެއް އުފެއްދުމަށްފަހު އެކޮމިޓީއާ ޙަވާލުކުރެވޭ މަސައްކަތާގުޅިގެން އެކޮމިޓީން ނިންމާ ނިންމުމެއް މަޖިލީހުގެ ޖަލްސާއަކަށް ހުށަހެޅުމުގެ ކުރިން، މުޅި މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅައި، އެނިންމުމާމެދު މުޅި މަޖިލީހުގެ ކޮމިޓީން ގޮތެއް ނިންމަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މިއަދު ފާސްކުރެވުނު މުޅި މަޖިލިސް އެކުގައި ކޮމިޓީއަށް ދިއުމުން ކޮމިޓީގެ މަސައްކަތް ގެންދާނެ ގޮތުގެ ގަވައިދުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިހާރު މުޅި މަޖިލިސް އެކުގައި ކޮމެޓީއަށް ގޮސްފައިވާ 3 ބިލު ކަމުގައިވާ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ބިލާއި، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް 11 މެންބަރުންގެ ކުޑަ ކޮމެޓީއެއް ވަނީ މިއަދުގެ ބައްދަލުވުމުގައި ފާސްކުރައްވާފައެވެ. އަދި މިއަދު ފާސްކުރެވުނު ގަވާއިދުގެ 12 ވަނަ މާއްދާގައި ވާގޮތުން ކުޑަ ކޮމިޓީއާ ޙަވާލުކުރެވޭ ބިލުތަކުގެ މަސައްކަތްތައް ނިންމުމަށް އެކޮމިޓީން ކަނޑައަޅާ މުއްދަތެއް، 3 ދުވަހުގެ ތެރޭގައި މުޅި މަޖިލީހުގެ ކޮމިޓީއަށް އަންގަންވާނެއެވެ.

63 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ކޮމެޓީގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.