“ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ބިލު” ކޮމިޓީ އިން ނިންމެވި ގޮތަށް މަޖިލީހުގައި ފާސްވެއްޖެ

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ 1 ވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި “ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލު” ގެ ކޮމިޓީ މަރުޙަލާ ނިމި މަޖިލީހަށް ރިޢާޔަތްކުރުމަށް ހުށަހެޅުއްވި ގޮތަށް ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވައިފިއެވެ.

     އިޖްތިމާޢީ ކޮމިޓީން މި ބިލުގެ މަސައްކަތް ނިންމަވައި، މިއަދުގެ ޖަލްސާގެ ހެނދުނުގެ ދަންފަޅީގައި ބިލު ހުށަހެޅުއްވީ ކޮމިޓީގެ ނައިބު މުޤައްރިރު، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުއެވެ. މި ބިލު ހުށަހެޅުއްވުމަށްފަހު ބަޙުސް ކުރެއްވުމަށް ހުޅުވާލެއްވި ފުރުޞަތުގައި 12 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މި ބިލަކީ 27 ޑިސެމްބަރ 2011 ވީ އަންގާރަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރައްވާ، ބިލު ތަސްދީޤުކުރެއްވުމަށްޓަކައި 28 ޑިސެމްބަރު 2011 ގައި ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވުމުން، އެ ބިލާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ބައެއް ކަންތައްތައް ފާހަގަކުރައްވާ، އެކަންކަމަށް ރިޢާޔަތްކުރައްވާ ބިލަށް އިސްލާޙު ގެނައުމަށް ފެނިވަޑައިގަންނަވާކަމަށް ބަޔާންކުރައްވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން 11 ޖެނުއަރީ 2012 ގައި ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވާފައިވާ ބިލެކެވެ.