ސަލާމަތީ ކަންތައްތަކާއި ބެހޭ ކޮމިޓީގެ 7 ވަނަ ބައްދަލުވުން މިރޭ 20:30 ން 21:45 އަށް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި 10 މެންބަރުން ބައިވެރިވެވަޑައިގަތެވެ.
މިރޭގެ ބައްދަލުވުމުގައި ގދ. ގައްދޫ ފުލުސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓައި އަމިއްލައަށް ގަޔަށް ތެޔޮ އަޅައިގެން ރޯކޮށްލައިގެން މަރުވި ގދ. ގައްދޫ ފުލޫނިޔާގެ އިބްރާހީމް އަފްޟަލްގެ މަރުގެ މައްސަލައާއި ގުޅިގެން، އެ މައްސަލައިގައި އިބްރާހީމް އަފްޟަލް ހައްޔަރުކުރި ފުލުހުންނާއި، އޭނާގެ މަރުގެ ހާދިސާ ހިނގި އިރު އެތާނގައި ތިއްބެވި ފުލުހުންގެ ބޭފުޅުންނާއި ކޮމިޓީން ބައްދަލުކޮށް މަޢުލޫމާތު ސާފުކުރެއްވިއެވެ. އަދި އެ މައްސަލަ ތަޙްޤީޤުކުރި ޕޮލިސް އިންޓަރގްރޭޝަން ކޮމިޝަން ގެ ރިޕޯޓްގައި އެ މައްސަލައިގެ ޖިނާޢީ ކުށުގެ ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަށް ފޮނުއްވާފައިވާތީ، އެކަން ސާފުކުރުމަށް އެއޮފީހަށް ކޮމިޓީން ހުށަހެޅުމުން، އެ މައްސަލައިގައި އެކަށީގެންވާވަރުގެ ހެއްކާއި ޤަރީނާ ލިބިފައިނުވާތީ، އެ މައްސަލަ އަނބުރާ ޕޮލިސް އިންޓަރގްރޭޝަން ކޮމިޝަނަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޮނުވާފައިވާ ކަމަށް އެއޮފީހުން މަޢުލޫމާތު ދީފައިވާތީ، ކޮމިޓީގެ މުޤައްރިރު އެކަން ފާހަގަކުރެއްވިއެވެ. ވީމާ މި މައްސަލައިގައި ގދ. ގައްދޫ ފުލުސް ސްޓޭޝަންގައި ހައްޔަރުކޮށް ގެނެވޭ މީހުން ބައިތިއްބާ ސަރަޙައްދުގައި ހުރި ކަމަށް ކޮމިޓީން ފާހަގަކުރެއްވި ބައެއް ކަންތައްތައް ރަނގަޅުކުރުމަށް އިލްތިމާސްކުރައްވާ ލިޔުމެއް ތައްޔާރު ކުރެއްވުމަށް ކޮމިޓީން ނިންމަވާ، މި މައްސަލައިގެ މަސައްކަތް ވަނީ ނިންމަވާލައްވާފައެވެ.
އެއަށްފަހު ފަނޑިޔާރުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި ބެހޭ ގޮތުން ހޯއްދަވާފައިވާ މަޢުލޫމާތު ކޮމިޓީގެ މުޤައްރިރު ވަނީ މެންބަރުންނަށް ހިއްސާ ކުރައްވާފައެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓާއި، މޯލްޑިވްސް ޕޮލިސް ސާރވިސަސްއާއި އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންނުން މިކަމާ ގުޅޭ އިތުރު މަޢުލުމާތު ހޯއްދެވުމަށް ކަނޑައަޅާނޭ ތާރީޙަކާއި މެދު މަޝްވަރާ ކުރައްވާފައިވެސްވެއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވާ މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ވެލިދޫ ދާއިރާގެ މެންބަރު އަލީ މުޙައްމަދު، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ ޢާޒިމް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުލް ރަޙީމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ.
ފޭދޫ ދާއިރާގެ މެންބަރު އަލްޙާން ފަޙުމީއާއި، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް މިރޭގެ ބައްދަލުވުމުގައި ބައިވެރިވަޑައެއްނުގަންނަވައެވެ.