ގަވާއިދު ކޮމިޓީގެ 5 ވަނަ ބައްދަލުވުމުގައި “ދިވެހިރާއްޖޭގެ ތަފާސްހިސާބާއިބެހޭ ގަވާއިދު” ގެ މަސައްކަތް ކުރިއަށްގެންދަވައިފި

މިއަދު 11:15 ން 11:55 ށް ބޭއްވުނު ގަވާއިދު ކޮމިޓީގެ 5 ވަނަ ބައްދަލުވުމުގައި “ދިވެހިރާއްޖޭގެ ތަފާސްހިސާބާއިބެހޭ ގަވާއިދު” ގެ މަސައްކަތް ކުރިއަށްގެންދަވައިފިއެވެ.

މިގޮތުން މި ގަވާއިދުގެ މާއްދާތަކުގެ ނަންބަރުތައް ޖަހާ އާންމުކޮށް ގަވާއިދުތައް ހުންނަންވާ އުޞޫލަށް ބައްޓަންކޮށް ކޮމިޓީއަށް ފޮނުވުމަށް އެދި ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގ އަށް މި ގަވާއިދު އަނބުރާ ފޮނުވުމަށް ކޮމިޓީގެ މެންބަރުން މަޝްވަރާކުރުމަށްފަހު ނިންމެވިއެވެ.

މިބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހިމް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤު ހަސަން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު އަދި ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒްއެވެ.

އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ކޮމިޓީއަށް ވަޑައެއް ނުގަންނަވައެވެ. އަދި ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު ހުންނެވީ ސަލާމުގައެވެ.

3 ޖުމާދަލްއާޚިރު 1433

24 އޭޕްރިލް 2012