ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 145 ވަނަ މާއްދާއާއި 149 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 12 ވަނަ ޖަލްސާ ގައި ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
މިމައްސަލަ ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އެވެ. މި ކުއްލި މައްސަލަ ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވާފައިވަނީ 30 މެންބަރުންނެވެ. 2 މެންބަރަކު ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކި ފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
މި ކުއްލި މައްސަލައަކީ ރާއްޖެ ކޮމަންވެލްތް އެކްޝަން ގްރޫޕްގައި ހިމެނުމަށްފަހު، ރާއްޖެއާ މެދު ކަންކުރަމުންގެންދަނީ ކޮމަންވެލްތްގެ އުޞޫލުތައް ކަމުގައިވާ، އެ ޤައުމެއްގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް އިޙްތިރާމްކޮށްގެން، އެކަންކަމުގެ ތެރެއިން ފިޔަވަޅު އެޅުމަށް ގޮވާލުމާއި، ކަން ބަލައި ހޯދުމަށްފަހު، ހަޤީޤަތުގެ މައްޗަށް ކަންކަން ނިންމުމާއި ފިޔަވަޅު އެޅުމާއި، ޤައުމުތަކުގެ އެތެރޭގެ ހަމަޖެހުމަށް ޖާގަދީގެން ޤައުމުތަކާއެކު، މަސައްކަތްކުރުމުގެ އުޞޫލުގެ މައްޗަށް ކަމުގައިނުވާތީ، ކޮމަންވެލްތް އެކްޝަން ގްރޫޕްގައި ރާއްޖެ ހިމެނި، އެ ގްރޫޕް މަސައްކަތުގައި، ރާއްޖެއާ މެދު ކަންކުރެވޭ ގޮތަކީ، އަދި އެ ގްރޫޕަށް އަދި ރާއްޖެއިން ދޭ އެއްބާރުލުމަކީ، ކޮމަންވެލްތް އެކްޝަން ގްރޫޕްގައި ކަންކުރުމަށް ހަމަޖެހިފައިވާ އުޞޫލުތަކުގެ ތެރެއިން ކުރެވޭ އަދި ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ހުދޫދުގެ ތެރެއިން ކުރެވޭ ކަންކަންކަމުގައި ހެދުމަށް ސަރުކާރަށް ގޮވާލުމަށް ހުށަހެޅުއްވި ކުއްލި މައްސަލައެކެވެ.
1 ގަޑިއިރުގެ ބަހުސްގެ ވަގުތުގައި މިމައްސަލައަށް ޖުމްލަ 17 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.
03 ޖުމާދަލްއާޚިރު 1433
24 އޭޕްރިލް 2012