“ރައްޔިތުންގެ މަޖިލީހުގެ ސުލޫކުގެ ގަވާއިދު” ގެ ނަމުގައި ގަވާއިދެއް ފާސްކޮށްދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ ޤަރާރު މަޖިލީހުން ބަލައިގެންފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 24 ވަނަ ޖަލްސާގައި، ” ރައްޔިތުންގެ މަޖިލީހުގެ ސުލޫކުގެ ގަވާއިދު”ގެ ނަމުގައި ގަވައިދެއް ފާސްކޮށްދެއްވުމަށްއެދި ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރަށް ޙަވާލާދީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 142 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ ގަވައިދުގެ 144 ވަނަ ވަނަ މާއްދާގެ ދަށުން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާއިފައިވާ ޤަރާރު މަޖިލީހުން ބަލައިގަތުމަށް މިއަދު ފާސްކުރައްވައިފިއެވެ. މިޤަރާރު ފާސްވީ އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ ތެރެއިން 57 މެންބަރުން އަޣުލަބިއްޔަތުންނެވެ.

އެއަށްފަހު މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ޤަރާރުގެ އިބްތިދާއީ ބަހުސް ނިންމުމަށްފަހު، މިޤަރާރު މަޖިލީހުން ފާސްކުރެއްވުމަށް ފެނިވަޑައިގަންނަވާތޯ ވޯޓަށް އެއްސެވުމުން މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބުން ޤަރާރުވަނީ ފާސްނުވެފައެވެ.

76 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމް އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙުއެވެ.