ޢާންމު ކޮމިޓީގެ 2 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

ޢާންމު ކޮމިޓީގެ މި އަހަރުގެ 2 ވަނަ ބައްދަލުވުން މިއަދު ހެނދުނު 09:32 ން 10:36 ށް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސިޓީތައް ފޮނުވާނެ ކޮމިޓީއެއް ކަނޑައެޅުއްވުމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގެ ވަގުތު ކަނޑައެޅުއްވިއެވެ. އެގޮތުން އެމައްސަލައިގެ ބަހުސްގެ ވަގުތު ހުރިހާ މެންބަރުންނަށް ޕާޓީ ވައިސްކޮށް ހަމަހަމަ އުޞޫލުން 3 ގަޑިއިރަށްވުރެ ދިގުނުވާނޭގޮތުގެ މަތިން ދިނުމަށް ކޮމިޓީގެ އަޢުލަބިއްޔަތުން ނިންމެވިއެވެ.

އެއަށްފަހު، ވީ.ވީ.އައި.ޕީ / ވީ.އައި.ޕީ ލައުންޖް ބޭނުންކުރުމުގައިމެންބަރުންގެ ޑިޕެންޑެންޓުން އަތުން ފައިސާ ނަގާ މައްސަލައާ ގުޅޭގޮތުން އިދާރާއިން ފޮނުއްވާފައިވާ މައްސަލައާއި ބެހޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، މަޖިލީހުގެ އިދާރާއިން އެފައިސާ ދެއްކުމަށް ކޮމިޓީންވަނީ ނިންމަވާފައެވެ.

މީގެއިތުރުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން 2 ޖުލައި 2011 ގައި ނެރުއްވާފައިވާ ސަރކިއުލާގައި ސިވިލް ސަރވިސް މުވައްޒަފުން ފިޔަވައި 1 އޯގަސްޓް 2011 އިން ފެށިގެން ދައުލަތުގެ ހުރިހާ މުއައްސަސާއަކުންވެސް ފޯން އެލަވަންސް ދޭންވާނީ އެ ސަރކިއުލާގައިވާ ގޮތުގެމަތީން ކަމަށްއަންގަވާފައިވާކަމަށް ވުމާއެކު، ފިނޭންސް މިނިސްޓްރީގެ ސަރކިއުލާއަށް ޢަމަލުކުރުމާމެދު މަޝްވަރާ ކުރައްވައި، ޕާލިމަންޓްރީ ސަރވިސްއަކީ ވަކި މަސައްކަތެއްކުރާ ވަކި މުވައްސަސާއަކަށް ވުމާއިއެކު މިހާރުވެސް ދެއްވަމުން ގެންދަވާގޮތަކަށް ޕާލިމެންޓަރީ ސާރވިސްގެ ވަޒީފާގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން ފޯން އެލަވަންސް ކަންތައް ކުރިއަށް ގެންދެވުމަށް ކޮމިޓީގެ އަޢުލަބިއްޔަތުން ނިންމެވިއެވެ.

މިބައްދަލުވުމަށް ހާޟިރުވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު،  މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދުއެވެ.

ބައްދަލުވުމަށް ހާޟިރުވެވަޑައިނުގަންނަވާ މެންބަރުންނަކީ ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޣަޒީޒް ޖަމާލް އަބޫބަކުރު، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރުއެވެ.

ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް ހުންނެވީ ސަލާމުގައެވެ.

2 ޖުމާދަލްއާޚިރު 1433

23 އޭޕްރިލް 2012