މާލިއްޔަތު ކޮމިޓީގެ 13 ވަނަ ބައްދަލުވުން މިއަދު ހެނދުނު 9:30 ން 10:30 އަށް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި 7 މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މިއަދުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރި އިން ދައުލަތުގެ ގަވައިދަށް ގެންނެވުމަށް ހުށަހަޅުއްވާފައިވާ ޑްރާފްޓް އިޞްލާޙާއިމެދު މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ޞިއްޙީ ޚިދުމަތް ދިނުމުގައި ޢަމަލުކުރައްވާނެ އުޞޫލެއް ހަމަޖައްސަވައި ދެއްވުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ފޮނުއްވާފައިވާ ސިޓީ އާއި މެދު މަޝްވަރާ ކުރައްވާ، އިލެކްޝަންސް ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި މެދުވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.
މިއަދުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެފައިވާ މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އެވެ.