ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލާއި ލޯކަލްކައުންސިލް ތަކުގެ އިންތިޚާބުގެ ބިލުގެ މަސައްކަތް މަޖިލީހުން ވަކިގޮތަކަށް ނިމެންދެން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށާއި މިދެ ބިލުގެ މަސައްކަތް ނިމުމުން 1 މަސްދުވަހުގެ ޗުއްޓީއަކަށް ދިއުމަށް ހުށަހެޅުނު ޤަރާރު ފާސްކުރައްވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 27 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލާއި ލޯކަލްކައުންސިލް ތަކުގެ އިންތިޚާބުގެ ބިލުގެ މަސައްކަތް މަޖިލީހުން ވަކިގޮތަކަށް ނިމެންދެން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށާއި މިދެ ބިލުގެ މަސައްކަތް ނިމުމުން 1 މަސްދުވަހުގެ ޗުއްޓީއަކަށް ދިއުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ހުށަހަޅުއްވާފައިވާ ޤަރާރު ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) ގައިވާ ފުރަތަމަ ދައުރު ހިނގާ މުއްދަތު އިތުރުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެގަވާއިދުގެ 114 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ ޤަރާރު ދިރާސާކުރެއްވުމަށްފަހު ޢާންމު ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓް ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމު ރަޝާދު މަޖިލީހަށް ހުށަހަޅުއްވައިދެއްވިއެވެ. އަދި މިރިޕޯޓަށް ބަހުސްކުރެއްވުމަށް ކަނޑައެޅިފައިވާ ވަގުތާހަމައަށް ކުރިއަށް ގެންދެވުމަށްފަހު، ހުށަހެޅިފައިވާ އިޞްލާޙަށް ވޯޓަށް އައްސަވައި ފާސްނުވުމުން، މި ރިޕޯޓް ޢާންމު ކޮމިޓީން ހުށަހެޅުއްވިގޮތަށް ފާސްކުރެއްވުމަށް ވޯޓަށް އެއްސެވުމުން ފާސްވިއެވެ.

އެއަށްފަހު، މިއަދުގެ ޖަލްސާގައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 12 ވަނަ ބާބަށް، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހެޅުއްވި އިޞްލާޙު ޢާންމު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު އެ ކޮމިޓީން ހުށަހަޅުއްވާ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައި ބަހުސްކުރެއްވުމަށް ކަނޑައެޅިފައިވާ ވަގުތާހަމައަށް ކުރިއަށް ގެންދެވުމަށްފަހު، ހުށަހެޅިފައިވާ އިޞްލާޙަށް ވޯޓަށް އައްސަވައި ފާސްވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާއަށް ހުށަހަޅުއްވާފައިވާ އިޞްލާޙުގެ ކޯލިޝަންއެއްގެ ގޮތުގައި މަސައްކަތްކުރުން އެހެން އޮތް އަރިމަތީ ސުރުޚީގެ ދަށުން، އޮތް މާއްދާގެ (ށ) އުނިކުރުމަށްފަހު، ކޮމިޓީން ހުށަހަޅުއްވާފައިވާ ގޮތަށް ފާސްކުރުމަށް ހުށަހަޅުއްވާފައިވާ އިޞްލާޙެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާކުރެވިފައިވާ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރެއިން 3 ކަމެއް މަޖިލީހުގައި ނިންމަވާފައިވެއެވެ. މިގޮތުން ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (އެމް.އައި.އާރ.އޭ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ބޭފުޅުން ޢައްޔަނުކުރެއްވުމަށްޓަކައި، އެޤާނޫނުގެ 4 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ނަންފުޅުތައް މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މަޖިލީހުގައި އިޢުލާންކުރެއްވިއެވެ. މި ނަންފުޅުތަކަކީ، އަލްއުސްތާޛު ޙުސެއިން ސިރާޖު / ފިފްޓީފްލާވަރ އއ. އުކުޅަސް، އަލްފާޟިލާ ޢާއިޝަތު ލުއުލުއާ ޙަސަން / ހ. ރީގަލްގެ، އަލްފާޟިލް ޙަސަން ވަޙީދު / ކުދިމާގެ ގދ. ތިނަދޫ، އަލްފާޟިލް އަޙްމަދު މުޙަންމަދު / މ. މާމުލި، އަލްފާޟިލާ ޢާޠިރާ ޢަލީ / ވާރުގެ ސ. ހުޅުދޫ، އަލްފާޟިލް ޢައްބާސް ޢާދިލް ރިޟާ / ހ. ނޫކުރިކީލަގެ، އަލްފާޟިލާ ޢާއިޝަތު ޙުސެއިން މަނިކު / ހ. ރީދޫކޮކާގެއެވެ.

އަދި ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (އެމް.އައި.އާރ.އޭ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ނަންފުޅުތައް މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މަޖިލީހުގައި އިޢުލާނުކުރެއްވިއެވެ. މި ނަންފުޅތަކަކީ، އަލްފާޟިލް ޔަޛީދު މުޙަންމަދު / ވައިޖެހޭގެ ގއ. ވިލިގިނލި، އަލްފާޟިލް އިބްރާހީމް ފުއާދު / ފެހިކޮޓަރިގެ ތ. ވިލުފުށިއެވެ.

މީގެއިތުރުން ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (އެމް.އައި.އާރ.އޭ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ނަންފުޅުތައް މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މަޖިލީހުގައި އިޢުލާނުކުރެއްވިއެވެ. މި ނަންފުޅތަކަކީ، އަލްފާޟިލް ފަތުޙުﷲ ޖަމީލް / ފިނިފެންމާގެ ތ. ތިމަރަފުށި، އަލްފާޟިލް ޙަސަން ޒަރީރު / ދަފްތަރު ނަންބަރު ރސ. 9633 އެވެ.

މިއަދުގެ ޖަލްސާގައިވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (އެމް.އައި.އާރ.އޭ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މަޤާމަށާއި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވާފައެވެ.

70 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކަނޑިތީމު ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ޙުސައިންއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 3 މެއި 2010 ވާ ހޯމަދުވަހު ހެނދުނު 9 ޖަހާއިރުއެވެ.