މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙް ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށްގެންދަވައިފިއެވެ.
މިގޮތުން މިއަދުގެ ޖަލްސާގައި މިބިލަށް ޖުމްލަ 4 މެންބަރުން ވާހަކަދައްކަވާފައިވެއެވެ. ބިލުގެ ބަހުސްގެ މަރުހަލާގައި މިއަދުގެ ޖަލްސާ މަޖިލީހުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ ދަށުން ރިޔާސަތުން ނިންމަވާލެއްވީ ޖަލްސާއަށް ހާޒިރުވެތިބި މެންބަރުންގެ ޤާނޫނީ އަދަދު ގެއްލުމާއި ގުޅިގެން ޖަލްސާގެ މެންދުރު ފަހުގެ ދަންފަޅި ގެންދެވޭގޮތް ނުވުމުންނެވެ. މިއަދު ޖުމްލަ 6 ފަހަރު ކޯރަމްގެ ރަނގަބީލު ޖަހާފައިވެއެވެ.
ދެން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވަނީ 17 އޭޕްރިލް 2012 ވާ އަންގާރަ ދުވަހު ހެނދުނު 09:00 އެވެ.
24 ޖުމާދަލްއޫލާ 1433
16 އޭޕްރިލް 2012