ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާގައި އެޖެންޑާ ކުރެވިފައިވާ ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ހުށަހަޅުއްވާފައިވާ، “ސްޓްރާޓާ އުޞޫލުން ޢިމާރާތްކުރުމުގެ ބިލު” ގެ ބަޙުސް މަރުޙަލާ ނިމި، ވޯޓަށް އެއްސެވުމުން އެވަގުތު މަޖިލިހަށް ޙާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަށް އިއްތިފާޤުން އެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްވެއްޖެއެވެ.
މި ބިލު ފާސްވެފައިވަނީ، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 32 މެންބަރުންގެ ތެރެއިން 31 މެންބަރުންގެ އިއްތިފާޤުންނެވެ. އަދި މި މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން މި ބިލު ޤަޢުމީ ތަރައްޤީގެ ކޮމިޓީއަށް ފޮނުއްވުމަށް ރިޔާސަތުން ވަނީ ނިންމަވާފައެވެ.
ސަރުކާރުން “ސްޓްރާޓާ އުޞޫލުން ޢިމާރާތްކުރުމުގެ ބިލު” ހުށަހެޅުމުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި ބިމުގެ ދަތިކަން ހުރިގޮތުން ވަކިވަކި ފަރުދުންނަށް ބިން މިލްކުކުރެވޭނެ ފުރުޞަތު ކުޑަވެފައިވާތީ، އެއްއިމާރަތެއްގައިވާ ވަކިވަކި ފްލެޓްތައް، ވަކިވަކި ފަރުދުންނަށް މިލްކުކުރެވޭނެ މަގުފަހިކޮށްދީ، ވަކިން މިލްކުކުރާ ގޯއްޗެކޭ އެއްފަދައިން، އެފްލެޓްތަކުގައި ދިރިއުޅެ، އެތަންތަން ކުއްޔަށްދީ، އަދި އެނޫންވެސް މުޢާމަލާތްކުރެވޭނެ މަގު ފަހިކޮށްދިނުމެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ، 16 އޯގަސްޓް 2011 ގައި ބޭއްވުނު އެ އަހަރުގެ 2 ވަނަ ދައުރުގެ 29 ވަނަ ޖަލްސާގައެވެ. އަދި ދެވަނަ ކިޔުން ފައްޓަވާފައިވަނީ 11 އޮކްޓޯބަރ 2011 ގައި ބޭއްވުނު އެއަހަރުގެ 3 ވަނަ ދައުރުގެ 5 ވަނަ ޖަލްސާގައެވެ.