ޤައުމީ ސަލާމަތު ކޮމިޓީގެ ބައްދަލުވުން މިއަދު ބާއްވައިފި

ޤައުމީ ސަލާމަތު ކޮމިޓީގެ 2012 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން މިއަދު ހެނދުނު 11:18 ން 11:48 ށް ކުރިއަށްގެންދަވާފައިވެ އެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެއްވީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާއި ބިލުތަކުގެ މަސައްކަތް މިދައުރުގައި ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުންނެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އަދި 8 ވަނަ ދުވަހު ފުލުހުން ހިންގި ޢަމަލުތައް ނުބަލައި ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ނުގެންދެވުމަށް ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒް މައްސަލައެއް ހުށަހެޅުއްވިއެވެ. އަދި 8 ފެބްރުއަރީ 2012 ގައި ފުލުހުން އަނިޔާ ކުރިކަމަށް ބުނެ އެކަން ބަލައިދިނުމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު މައްސަލައެއް ހުށަހެޅުއްވިއެވެ. މި ދެމައްސަލަވެސް ލިޔުމުން ހުށަހެޅުއްވުމަށް ބޭއްވުނު ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން 26 އޭޕްރީލް 2012 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޖަލުތަކާއި ޕެރޯލްގެ ބިލު ދިރާސާކުރާ ސަބްކޮމިޓީގެ މަސައްކަތް ނިންމައި ކޮމިޓީއަށް ހުށަހެޅުމަށް މިއަދު ހާޟިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

މިބައްދަލުވުމަށް ހާޟިރުވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠާރިޤް، ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒް އަދި މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އެވެ. ހާޟިރުވެވަޑައިނުގަންނަވާ މެންބަރުންނަކީ އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފް އަދި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް އަބްދުﷲ އެވެ.

24 ޖުމާދަލްއޫލާ 1433

16 އޭޕްރިލް 2012