މިއަދު ހެނދުނު 11:15 ން 13:30 ށް ބޭއްވުނު މި ކޮމިޓީގެ ބައްދަލުވުމުގައި، 8 ފެބްރުއަރީ 2012 ވަނަ ދުވަހު ފުލުހުން އާންމުންނާމެދު މާރާމާރީ ހިންގާފައިވާ ކަމަށް ފާހަގަކުރައްވައި ކޮމިޓީގެ މެންބަރަކު ހުށަހަޅުއްވާފައިވާ މައްސަލައާއި ކްރިމިނަލް ކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ މުޙަންމަދު ޤާނޫނާ ހިލާފަށް ހައްޔަރު ކޮށްފައިވާކަމަށް ފާހަގަ ކުރައްވައި ކޮމިޓީގެ ބައެއް މެންބަރުން ހުށަހަޅުއްވާފައިވާ މައްސަލަ ކުރިއަށްގެންދަވާފައިވެއެވެ.
ކޮމިޓީގެ 10 މެންބަރުން ޙާޒިރުވެވަޑައިގެންނެވި މިބައްދަލުވުމަށް މެންބަރުން ބޭނުންފުޅުވާ މަޢުލޫމާތު ސާފުކުރެއްވުމަށް، ޕްރޮސެކިއުޓަރ ޖެނެރަލް އަޙުމަދު މުޢިއްޒުއާއި ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ޙާޒިރުވެވަޑައިގެންނެވިއެވެ. އަދި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ފަރާތުން ކޮމިޝަންގެ ރައީސާ ޝަހިންދާ އިސްމާޢިލް އާއި ނާއިބު ރައީސް ޑރ. ޢަބްދުﷲ ވަހީދު ގެ އިތުރުން ހިއުމަންރައިޓްސް ކޮމިޝަންގެ ފަރާތުން ކޮމިޝަންގެ ރައީސާ މަރިޔަމް އަޒްރާ އާއި ކޮމިޝަންގެ ނާއިބު ރައީސް އަޙްމަދު ޠަލާލު ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި މިމައްސަލަތަކާބެހޭގޮތުން ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތުތައް ސާފުކުރެއްވުމަށް ކޮމިޓީގެ މުޤައްރިރު ކޮންމެ މެންބަރަކަށް 15 މިނެޓްގެ ވަގުތެއް އެރުވިއެވެ.
ކޮމިޓީގެ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބައްދަލުވުން ނިންމަވާލައްވަމުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކާގުޅިގެން އެކަމާބެހޭ މަޢުލޫމާތު ލިބިވަޑައިގެންފައި ނުވާކަމަށް، މުއައްސަސާތަކުން ވަޑައިގެންނެވި ބޭފުޅުން ފާހަގަކުރެއްވި ކަންތައްތައް އިތުރައް ބައްލަވާ ދެއްވުމަށް ކޮމިޓީގެ މުޤައްރިރު އެބޭފުޅުން ކުރެން އެޑިވަޑައިގެންނެވިއެވެ.
18 ޖުމާދަލްއޫލާ 1433
11 އޭޕްރިލް 2012