އާބިޓްރޭޝަންގެ ބިލު، އިޤްތިޞާދީ ކޮމިޓީއަށް ދިރާސާ ކުރެއްވުމަށް ފޮނުއްވައިފި

ސަރުކާރުގެ ފަރާތުން، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާފައިވާ އާބިޓްރޭޝަންގެ ބިލު އިޤްތިޞާދީ ކޮމިޓީއަށް ދިރާސާ ކުރެއްވުމަށް ފޮނުއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި މިބިލުގެ އިބްތިދާޢީ ބަހުސް މިއަދު ނިމުމާއެކު އެބިލު މަޖިލީހުން ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އެއްސެވުން މަޖިލީހުގެ ޤަވާއިދުގެ 77 ވަނަ މާއްދާގެ (ނ) ގެ ދަށުން މިއަދުގެ ޖަލްސާގެ ކަންކަމުގައި ވޯޓަށް ކަނޑައެޅިފައިވާ ވަގުތުގައި ވޯޓަށް އެއްސެވުމުން، އެ ބިލު ފާސްވީ 45 މެންބަރުންގެ އިއްތިފާޤުންނެވެ.

އާބިޓްރޭޝަންގެ ބިލަކީ ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ 25 ވަނަ ޖަލްސާގައި ފުރަތަމަ ކިއުން އިއްވައި އެއަހަރުގެ 3 ވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި އިބްތިދާޢީ ބަހުސް ފެށި ބިލެކެވެ. މިއަދު އެބިލުގެ އިބްތިދާޢީ ބަހުސް ނިންމަވާލެއްވިއިރު އެބިލަށް ޖުމްލަ 16 މެންބަރުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

 

19 ޖުމާދަލްއޫލާ 1433

11 އޭޕްރިލް 2012