މާލިޔަތު ކޮމިޓީގެ މިއަހަރުގެ 12 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 12 ވަނަ ބައްދަލުވުން ބާއްވާފައިވަނީ 11 އޭޕްރިލް 2012 ވީ ބުދަ ދުވަހުގެ ހެނދުނު 09:30 ން 10:12 އަށެވެ. މިބައްދަލުވުމުގައި ކޮމިޓީގެ 7 މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) ގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި، ސިވިލް ސާރވިސް ކޮމިޝަން (ސީ.އެސް.ސީ) ގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި، އަދި އިކޮނޮމިކް މިނިސްޓްރީ ގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި މެދު މަޝްވަރާކުރެއްވުމަށްފަހު، އެ ތިން ރިޕޯޓްވެސް ކޮމިޓީން ކަނޑައަޅުއްވާފައިވާ 3 މެންބަރުންގެ ސަބް-ކޮމިޓީއަށް ފޮނުވުމަށް ނިންމަވާފައިވެއެވެ.

މިއަދުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އެވެ.

ކޮމިޓީ ކުރިއަށްދިޔުމަށް ކަނޑައަޅާފައިވާ ވަގުތު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 7 ވަނަ ޖަލްސާގެ ރިޔާސަތުގައި މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިންނެވުމުންނާއި، ކޮމިޓީގެ ނައިބު މުޤައްރިރު ހާޒިރުވެފައިނުވާތީ މިއަދުގެ ކޮމިޓީ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވުމަށް މާލިއްޔަތު ކޮމިޓީގެ ގަވައިދުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަގުތީ ގޮތުން ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ އެވަގުތު ކޮމިޓީއަށް ހާޒިރުވެތިއްބެވި މެންބަރުންގެ އަޣްލަބިއްޔަތުން ވަނީ ޢައްޔަނުކުރައްވާފައެވެ.