ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް ހުށަހެޅުއްވި ކުއްލި މައްސަލައެއް މަޖިލީހުން ބަލައިގަނެ ބަހުސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 145 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަޙުސް މަޖިލީހުގައި ކުރިއަށް ގެންދަވައިފިއެވެ.

މިއަދުގެ ޖަލްސާގައި މިމައްސަލައަށް މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ ގޮތުގެ މަތިން 1 ގަޑިއިރު ހަމަވިއިރު މައްސަލާގައި ވާހަކަދެއްކެވުމަށް އެދިވަޑައިގެންފައިވާ ހުރިހާ މެންބަރުންނަށް ފުރުޞަތު އަރުވާ ނިމެންދެން، މައްސަލަ ކުރިއަށް ގެންދެވުމަށް ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު ހުށަހަޅުއްވައި ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ތާއީދު ކުރެއްވި ހުށަހެޅުއްވުމަށް ވޯޓަށް އައްސަވައި ވަނީ ފާސްނުވެފައެވެ. މި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ ތެރެއިން ފެނިވަޑައިގަންނަވާކަމަށް 26 މެންބަރަކު އަދި ފެނިވަޑައިނުގަންނަވާ ކަމަށް 28 މެންބަރުން ވޯޓުދެއްވާފައިވާއިރު، 3 މެންބަރަކު ވަކިއަތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި ދެން ކުރިއަށްދިޔައީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ހުށަހެޅުއްވި އާބިޓްރޭޝަނުގެ ބިލުގެ ބަޙުސްގެ މަރުޙަލާއެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ގަވައިދުގެ 145 ވަނަ މާއްދާގެ ދަށުން ހުށަހެޅުނު ކުއްލި މައްސަލައިގެ ބަޙުސް ކުރިއަށް ގެންދަވާފައިވުމާއެކު މަޖިލީހުގެ ގަވައިދުގެ 152 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖަލްސާގެ ވަގުތުގެ ތެރެއަށް 1 ގަޑިއިރު އިތުރު ކުރެވުނުކަން ރިޔާސަތުން އިޢުލާނު ކުރެއްވިއެވެ. ނަމަވެސް ޖަލްސާގެ ޤާނޫނީ ޢަދަދު ގެއްލި މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ރަނގަބީލު ޖެހުމުންވެސް ޖަލްސާގެ ޤާނޫނީ ޢަދަދު ހަމަނުވުމުން އެ މާއްދާގެ ދަށުން ޖަލްސާ ވަނީ ނިންމަވާލައްވާފައެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ބެހެއްޓެވީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމާއި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 10 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދުއެވެ.