އިޖްތިމާޢީ ކޮމިޓީގެ މިއަހަރުގެ 2 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

އިޖްތިމާޢީ ކޮމިޓީގެ މިއަހަރުގެ 2 ވަނަ ބައްދަލުވުން ބާއްވާފައިވަނީ 10 އޭޕްރިލް 2012 ވީ އަންގާރަ ދުވަހުގެ ހެނދުނު 11:15 ން 11:35 އަށެވެ. މިބައްދަލުވުމުގައި ކޮމިޓީގެ 8 މެންބަރުން ބައިވެރިވެވަޑައިގަތެވެ.

“ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލު” ދިރާސާ ކުރެއްވުމަށްފަހު އިޖްތިމާޢީ ކޮމިޓީގެ ސަބް-ކޮމިޓީ 3 ން މައި ކޮމިޓީއަށް އެ ބިލް އިޞްލާހްތަކާއި އެކު ފޮނުވާފައިވާތީ، އެކަމާއި މެދު މިއަދުގެ އިޖްތިމާޢީ ކޮމިޓީގައި މަޝްވަރާކުރައްވާފައިވެއެވެ. ސަބް-ކޮމިޓީ 3 ން ހުށަހަޅާފައިވާ އިޞްލާޙްތައް ބެއްލެވުމަށްފަހު، ވޯޓަކާއި ހަމައަށް ގޮސް 5 މެންބަރުންގެ އަޣްލަބިއްޔަތުން މި އިސްލާޙްތަކާއި އެކު “ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލު” މައި ކޮމިޓީންވަނީ ފާސްކުރައްވާފައެވެ. އަދި އިޖްތިމާޢީ ކޮމިޓީން މި ބިލު ގެ މަސައްކަތް އެންމެ އަވަސްވެގެން މާދަމާ ނިންމަވާލައްވާ، ތަންފީޒުކުރުމުގެ ގޮތުން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވުމަށް ނިންމަވާފައިވެއެވެ. އަދި މި ބިލުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކޮމިޓީން ނިންމަވާފައިވާތީ، އެ ކަމަށްޓަކައި ސަބް-ކޮމިޓީ މެންބަރުންނަށް އިޖްތިމާޢީ ކޮމިޓީގެ މުޤައްރިރުވަނީ ޝުކުރު ދަންނަވާފައިވެއެވެ.

މިއަދުގެ އިޖްތިމާޢީ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަޞީޙް މުހައްމަދުކ، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުހައްމަދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލް ޣަފޫރު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙައްމަދު، އަދި ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް އެވެ.