“ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު” މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަސް ވަނަ ޖަލްސާގައި، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ހުށަހަޅުއްވާފައިވާ “ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު” ގެ ކޮމިޓީ މަރުޙަލާ ނިމި، އިޞްލާޙްތަކަށް ވޯޓް އެއްސެވުމަށްފަހު އެ ބިލް ފާސް ކުރުމަށް ފެނޭތޯ ވޯޓަށް އެއްސެވުމުން، މަޖިލީހުގެ އަޣްލަބިއްޔަތުން އެ ބިލް ފާސްވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް 57 މެންބަރުން ހާޒިރުވެފައިވާއިރު، މި ބިލު ފާސްކުރައްވަން ދެކިވަޑައިގަންނަވާ ކަމަށް ވޯޓް ދެއްވާފައިވަނީ 50 މެންބަރުންނެވެ. މި ބިލު ފާސް ކުރަން ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރުން ވޯޓް ދެއްވާފައިވާއިރު، ވަކި ގޮތަކަށް ވޯޓް ދޭން ބޭނުންނުވާ މެންބަރުންގެ އަދަދަކީވެސް 2 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ 10 އޭޕްރިލް 2012 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ގައެވެ.