އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީ 3 ގެ ފުރަތަމަ ވަނަ ބައްދަލުވުން ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގެ ސަބް-ކޮމިޓީ 3 ގެ ފުރަތަމަ ބައްދަލުވުން މިއަދު ހެނދުނު 11:30 ން 12:15 އަށް ބާއްވައިފި. މި ބައްދަލުވުމުގައި 3 މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި “ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލު” އަލުން އިޞްލާޙް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވުމުން މި ބިލު އިޞްލާހް ކުރެއްވުމުގެ މަސައްކަތް ކުރިއަށްގޮސްފައިވެއެވެ. މި ގޮތުން މި ބިލުގެ އިޞްލާޙް ކުރުން ކުރިއަށް ގެންދާނެ ގޮތަކާއި މެދު މެންބަރުންގެ މެދުގައި މަޝްވާރާކުރެއްވުމަށްފަހު 8 އިޞްލާޙެއް ހުށަހަޅުއްވާފައިވެއެވެ. “ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލަށް” މި އިޞްލާޙްތައް ގެނައުމަށްފަހު އިޖްތިމާޢީ ކޮމިޓީގެ ބައްދަލުވުން ބާއްވާ ދުވަހެއްގައި މި އިޞްލާހުތަކާއެކީ ބިލު ހުށަހެޅުމަށް ސަބް-ކޮމިޓީން ވަނީ ނިންމަވާފައެވެ.

އިޖްތިމާޢީ ކޮމިޓީގެ ސަބް-ކޮމިޓީ 3 ގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުހައްމަދު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، އަދި މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު އެވެ.